ޚަބަރު

ކަޝްމީރުގެ މައްސަލައިގައި ބަންދުކުރި ޕާކިސްތާނުގެ ވައިގެ ސަރަޙައްދު އަލުން ހުޅުވައިފި


ކަޝްމީރުގެ މައްސަލައިގައި އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ހިންގި އަސްކަރީ ކުރިމަތިލުމާ ގުޅިގެން ބަންދުކުރި ޕާކިސްތާނުގެ ވައިގެ ސަރަހައްދު އަލުން ހުޅުވައިފިއެވެ. ޕާކިސްތާނުގެ ސިވިލް އޭވިއޭޝަނާ ބެހޭ އިދާރާއިން ބުނީ އެތެރެ އާއި ބޭރުގެ އުދުހުންތަކަށް އެ ޤައުމުގެ ވައިގެ ސަރަހައްދު ހޯމަ ދުވަހު އެއްކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލުމާއެކު އެ ޤައުމުގެ ހުރިހާ ވައިގެ ބަނދަރުތައް ކުރިއެކޭވެސް އެއްގޮތަށް އަލުން އޮޕަރޭޓްކުރަން ފަށާފައިވާކަން ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރީ، މިދިޔަ އަންގާރަ ދުވަހު ކަޝްމީރުގެ ޕާކިސްތާން ފަޅީގެ ސަރަހައްދެއް ކަމަށްވާ މުޒައްފަރު އާބާދަށް އިންޑިޔާ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާތަކަށްފަހު ކަޝްމީރުގެ ވައިގެ ސަރަހައްދުގައި އިންޑިޔާ އާއި ޕާކިސްތާނުގެ ވައިގެ ސިފައިންގެ މެދުގައި ވަރުގަދަ އަސްކަރީ ކުރިމަތިލުން ހިންގައި ޕާކިސްތާނުން ވަނީ އިންޑިޔާ ސިފައިންގެ އަސްކަރީ ދެ ޖެޓް ވައްޓާލުމަށްފަހު އޭގެތެރެއިން އެއް ޖެޓްގެ ޕައިލެޓް ހައްޔަރުކޮށްފައެވެ.

އެހެންނަމަވެސް ޕައިލެޓް ހައްޔަރުކުރިތާ ދެދުވަސް ނުވަނީސް ޕާކިސްތާނުންވަނީ ޝަރުތަކާނުލައި އޭނާ މިނިވަންކޮށްފައެވެ. މިއާއެކު ދެ ޤައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަންވެސް މިހާރުވަނީ ކުޑަވާން ފަށާފައެވެ.