ޚަބަރު

އެވަޓަން އަތުން މޮޅުނުވެވުނީ "ވައި" ހުރި ގޮތުން - ކްލޮޕް


އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލް ކުރާ މަސައްކަތުގައި ރޭ އަމިއްލަ ބާރު ގެއްލުނީ ވައި ހުރި ގޮތުން ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނީ އެވަޓަން އަތުން 0-0އިން އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ފަހަކަށް އައިސް ލިވަޕޫލް ކުޅުނު ގިނަ މެޗުތަކަކުން މޮޅުނުވެވި އެ ޓީމަށް ވަނީ ލިބިފައި އޮތް ހަތް ޕޮއިންޓްގެ ލީޑް ގެއްލި ޓޭބަލުގެ ދެ ވަނަ އަށް ވެއްޓިފައެވެ.

ކްލޮޕް ބުނީ ވައި ހުރި ގޮތުން ފުޓްބޯޅަ ކުޅެން މާހައުލު އެކަށީގެންނުވާ ކަމަށާއި އޭނާ މިހެން ބުނުމުން ގިނަ ބަޔަކު ޖޯކު ޖަހާނެކަންވެސް އިނގޭކަމަށެވެ. އެހެންނަމަވެސް މެޗުގައި ޓީމަށް ގިނަ ހުރަސްތަކެއް ރަނގަޅަށް ނުނެގި ކުޅުންތެރިންނަށް ބޯޅަތައް ރަނގަޅަށް ފޮނުވާ ނުލެވޭކަން ކޯޗު ކްލޮޕް ފާހަގަކުރިއެވެ.

ލިވަޕޫލަށް މިހާރު ލިބިފައިވަނީ 70 ޕޮއިންޓްއެވެ. އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 71 ޕޮއިންޓްއެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ 9 މެޗެވެ.

ލިވަޕޫލް މަސައްކަތް ކުރަމުންދަނީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށެވެ.