ޚަބަރު

މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުނެގުން މިރޭ އޮންނާނެ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުނެގުމުގެ ރަސްމިއްޔާތު މިރޭ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުނެގުމުގެ މަސައްކަތް ބައު ޖަމާލުއްދީނުގައި ޤާއިމްކޮށްފައިވާ އެކޮމިޝަންގެ އިންތިޚާބާބެހޭ މައި މަރުކަޒުގައި މިރޭ 9:45 ހުން ފެށިގެން 10:45 އާ ދެމެދު ކުރިއަށް ދާނެ ކަމަށެވެ.

އީސީން ވިދާޅުވީ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ފޮނުވާފައިވާކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ކަނޑައެޅުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމި ނަމަވެސް އެކަން ފަސްކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށްވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 395 މީހަކުވަނީ ފޯމު ހުށަހަޅާފައެވެ. މި އިންތިޚާބުގައި ރައްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި 39 ރިސޯޓާއި ބޭރުގެ 7 ޤައުމެއްގައި 507 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ. މި އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.