ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ތެރަޕީގެ ނިޒާމު


ނުކުޅެދުންތެރިކަން ހުންނަ ކުދިން، އުމުރުގެ ކުރީކޮޅު ދެެނެގަނެ އެފަދަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ދިނުމުގެ ނިޒާމު ސްކޫލްތަކުގައި ޤާއިމުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާޢްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މިނިސްޓްރީތަކާއި އެކު މިހާރު މަޝްވަރާތައް ފަށްޓަވާފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ 3769 ދަރިވަރުން ސަރުކާރު ސްކޫލްތަކުގައި މިހާރުވެސް ތަޢުލީމް ޙާސިލްކުރަމުން ދެއެވެ. ނަމަވެސް އެ ކުދިންނަށް އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ނެތުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމު ފުޅާކޮށް، އެކުދިންނަށް އެންމެ އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ޤާއިމުކޮށް، އެފަދަ ކުދިންގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް މޮނިޓަރ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޚާއްސަ ޑިޕާޓްމަންޓެއް އެ މިނިސްޓްރީގައި ދާދި ފަހުން ޤާއިމުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އަލަށް އުފެއްދި މި ޑިޕާޓްމަންޓްގެ ދަށުން މިހާރުވެސް މުހިންމު ގިނަ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މި ޑިޕާޓްމަންޓުން ކުރުމަށް ކަނޑައަޅާ ކަންކަން ދެނެގަތުމާއި، އަދި ކަންކަން ހިންގާނެގޮތުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެތެރޭގައި އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތު އަލުން ރިވިއުކުރުން ހިމެނެއެވެ. އަދި އެފަދަ ކުދިންނަށްނަށް ބޭނުންވާ މުދައްރިސުން ތަމުރީނުކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލްގެ ތެރެއިން މިފަދަ ކުދިންނަށް ދެވޭނެ ފަރުވާތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާ މިނިސްޓަރވަނީ ވިދާޅުވެފައެވެ.

" އަރލީ ސްޓޭޖްގައި އެފަދަ ކުދިން ދެނެގަތުމާއި، އެކުދިންނަށް ބޭނުންވާ ތެރަޕިސްޓުންގެ ޚިދުމަތް ސްކޫލްތަކުގައި ޤާއިމުކުރުމާއި، މިފަދަ ކުދިންނަށް ޚާއްސަ މުދައްރިސުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ޕްލޭން ކުރަމުންމިދަނީ. އެގޮތުން ޖެންޑަރ މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއާއި ގުޅިގެން މަޝްވަރާ އެބަ ކުރިއަށްދޭ." މިނިސްޓަރ އައޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެމުން ދިޔަނަަމަވެސް، ސްކޫލްތަކުގައި އެފަދަ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ އެންމެ ފުރިހަމަ ވަސީލަތްތައް އަދި ޤާއިމުވެފައި ނެތްކަމަށެވެ.

" 89 އިންކްލޫސިވް ސަޕޯޓް ޔުނިޓްވެސް މިހާރު އެބަހުރި. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިންޑިވިޖުއަލައިޒްޑް އެޑިއުކޭޝަން ނިޒާމުވެސް ގެންނަން މަސައްކަތް މިކުރަނީ. މިފަދަ ކުދިންނަށް ބޭނުންވާ ވަސީލަތް ހޯދުމަށް ސްކޫލްތަކަށް މާލީ އެހީގެ ގޮތުގައި ދަރިވަރަކަށް 2500ރުފިޔާވެސް ދެން." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ 213 ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގެންދަނީ ތަޢުލީމު ދެމުންނެވެ.