ޖައްމޫ ކަޝްމީރުގެ ރައްޔިތުންނާދެކޮޅަށް އިންޑިޔާ ހިންގާ އަމަލުތައް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން ކުށްވެރިކޮށްފިއެވެ.
ދުބާއިގައި ނިމުނު އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޖަންމޫ ކަޝްމީރުގެ ރައްޔިތުންނާދެކޮޅަށް އިންޑިޔާ ސަރުކާރުން ހިންގަމުން ގެންދާ އަމަލުތަކަކީ ބޭއިންސާފު އަމަލުތަކެއްކަމަށް ސިފަކޮށް އެ އަމަލުތައް ހުއްޓާލުމަށް އިންޑިޔާ ސަރުކާރަށް ގޮވާލާފައިވެއެވެ.
މާރިޗު އެކަކުން ދޭކަށް ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ދުބާއި ގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ މައިގަނޑު ގޮތެއްގައި ޖަންމޫ ކަޝްމީރުގެ މައްސަލައާގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި މެހްމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރްސަތު އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވާރާޖް އަށް ދިނުމުން އެ ބައްދަލުވުމުގައި އެކަމަނާ ތަގްރީރު ކުރައްވާފައިވެއެވެ. ސުޝްމާގެ ތަގްރީރުގައި ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިންޑިޔާ ސިފައިންނާދެކޮޅަށް ދޭ ހަމަލާތައް ކުށްވެރިކުރައްވައި އެއީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ވަނީ ސިފަކުރައްވާފައެވެ.
ސުޝްމާގެ ތަގްރީރުގައި ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކަކީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވައި އެ ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ނުސީދާ ގޮތެއްގައި ޕާކިސްތާނުގެ މައްޗަށް ކުރައްވާފައިވެއެވެ. އޯއައިސީގެ ބައްދަލުވުމަށް އިންޑިޔާގެ ޚާރިޖީ ވަޒީރަށް ދައުވަތު ދީފައިވާތީ ޕާކިސްތާނުގެ ޚާރިޖީވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވަނީ އެބައްދަލުވުން ބޮއިކޮޓް ކުރައްވައި އޭނާގެ ބަދަލުގައި ޕާކިސްތާނުގެ ދަށު ލެވެލްގެ މަސްއޫލުވެރިއަކު އެ ބައްދަލުވުމަށް ފޮނުއްވާފައެވެ.
ނަމަވެސް އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކަޝްމީރުގެ ރައްޔިތުން އެދޭގޮތް ބަލައި އެމީހުން އެދޭގޮތަކަށް އެސަރަހައްދުގެ މުސްތަގްބަލް ކަނޑައެޅުމުގެ ފުރްސަތު ދިނުމަށް ގޮވާލައި އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރުމަށް އިންޑިޔާ ދެކޮޅުހަދާ މައްސަލައާބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ކަޝްމީރުގެ އިންޑިޔާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އިންޑިޔާއިން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރާ މައްސަލައާބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.