ވިޔަފާރި

އައްޑޫ ސިޓީ ކައުންސިލަށް ބޭނުންވާ ތެލުގެ ބާވަތްތައް އެފްއެސްއެމްއިން ފޯރުކޮށްދެނީ


އައްޑޫސިޓީ ކައުންސިލަށް ބޭނުންވާ ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމަށް ފިއުލްސަޕްލައި މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފިއުލްސަޕްލައި މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމްއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މޭޔަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އައްޑޫސިޓީ ކައުންސިލް މަސައްކަތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، ހާއްސަ ގޮތެއްގައި ތެޔޮ ގަތުމަށް މިހާރު ކައުންސިލުން ކުރަމުންދާ ޚަރަދު ކުޑަވެގެންދާނެ ކަމެށެވެ.

މިއެއްބަސްވުމުގެ ދަށުން ކައުންސިލްގެ އިދާރާއަށް ބޭނުންވާ ޑީސަލް، ޕެޓްރޯލް، ކަރާސީނު އަދި ތެލުގެ އެހެނިހެން ބާވާތްތައް، މާޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް އެއް އަހަރުގެ މުއްދަތަށް ކްރެޑިޓް އުސޫލުން ފިއުލްސަޕްލައި މޯލްޑިވްސްއިން ކައުންސިލަށް ފޯރުކޮށްދޭނެއެވެ.