ޚަބަރު

"ސިފައިންގެ ލަވަ" މުނާސަބު ނޫން ގޮތަކަށް ބޭނުން ނުކުރަން އެދެފި


ސިފައިންނަށް ޚާއްސަ ކޮށްފައިވާ "ސިފައިންގެ ލަވަ" މުނާސަބު ނޫން ބައްދަލުވުންތަކުގައި އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނުގައި، ސިފައިންނަށް ޚާއްޞަކޮށްފައިވާ ސިފައިންގެ ލަވަ އަކީ ސިފައިންގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ސިފައިންނަށް ޚާއްޞަ ޝަރަފުވެރި ލަވައެއްކަމަށް ބުނެފައިވެއެވެ.ނަމަވެސް މި ލަވަ ސިޔާސީ ބައެއް ފަރާތްތަކުން ސިޔާސީ އެއްވުންތަކާއި ބައްދަލުވުންތަކުގައި ބޭނުން ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާކަމަށް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ. އަދި މި ލަވަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ ސިފައިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއްކަމަށްވެސް މިބަޔާނުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.ސިފައިންނަށް ޚާއްސަކޮށްފައިވާ ލަވަ މުނާސިބު ނޫން ބައްދަލުވުންތަކުގައި ބޭނުންނުކުރުމަށް އިލްތިމާސްކޮށްފައިވާއިރު، ރޭ ކާރނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ސިޔާސީ އެއްވުމުގައި ސިފައިންގެ ލަވަ ޖަހާފައިވެއެވެ.