ޚަބަރު

އިންޑިޔާއިން ބާލަކޮޓަށް ދިން ހަމަލާއާ ބެހޭގޮތުން އެ ޤައުމުން ދިން މަޢުލޫމާތާމެދު ސުވާލު އުފެއްދަނީ


މިދިޔަ ހަފުތާގައި އިންޑިއާއިން ޕާކިސްތާނުގެ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކެއްގައި ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރުވެފައިވާކަން ސާބިތުވާ ހެކި އިންޑިއާ ސަރުކާރުން ހިއްސާނުކުރާނެ ކަމަށް އިންޑިއާ ސަރުކާރުގެ އިސް މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.

އަނެއްކޮޅުން، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ދެ ޤައުމުގެ ދެމެދު މަޝްވަރާތައް ހިންގަންޖެހޭ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ވަނީ ޕާކިސްތާނުގެ ސަރަހައްދުގެ ތެރެއަށް ވަދެ، އެ ޤައުމުގެ ބަލާކޮޓް ނަމަކަށް ކިޔާ ސަރަހައްދަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިންޑިއާގެ ސަރުކާރުން ބުނެފައިވަނީ މި ހަމަލާތައް ދީފައިވަނީ އެސަރަހައްދުގައި ހުރި ޓެރަރިސްޓް ހަނގުރާމަވެރިންގެ ކޭމްޕްތަކަށްކަމަށެވެ. އަދި މި ހަމަލާތަކުގައި ތިން ސަތޭކައަށް ވުރެ ގިނަ ހަނގުރާމަވެރިންގެ ފުރާނަ ގެއްލުނުކަމަށެވެ. އެހެންނަމަވެސް ޕާކިސްތާނުން ވަނީ މިކަން ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ހަމަލާތަކުގައި އެއްވެސް މީހަކަށް ވެސް އެއްވެސް މުދަލަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ޕާކިސްތާނުގެ އިތުރުން، އިންޑިއާގެ ސަރުކާރާ ދެކޮޅު ފަރާތްތަކުންވެސް ވަނީ މި ހަމަލާއާ ބެހޭގޮތުން އިންޑިއާގެ ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތާ މެދު ސުވާލު އުފައްދާފައެވެ.

އަދި އިންޑިއާއިން ދިން ހަމަލާގައި މަރުވި މީހުންގެ ފުރިހަމަ މަޢުލޫމާތު ހިއްޞާކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މިފަދަ ދަނޑިވަޅެއްގައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ މާލީ ވަޒީރު އަރުން ޖެއިޓްލީ ވިދާޅުވީ، ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ޢާއްމު ނުކުރާނެކަމަށެވެ.

ޖެއިޓްލީ ވިދާޅުވީ، މި ފަދަ މަޢުލޫމާތު ހިއްސާކުރުން ވާނީ ފަރުވާކުޑަ ޢަމަލަކަށް ކަމަށާ އަސްކަރީ ބާރުތަކުން ހިންގާ އޮޕަރޭޝަންތައް ފުރިހަމަ ސިއްރިއްޔާތުގައި ހިންގާ ކުރިއަށް ގެންދިއުމުގެ ބާރު އެ ފަރާތްތަކަށް ލިބެންޖެހޭނެ ކަމަށެވެ.