ޚަބަރު

ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަޢުދީއާ އެކު ސޮއިކޮށްފި


ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމު އެކުގައި މަސައްކަތްކުރުމަށް ސަޢުދީ ޢަރަބިއްޔާ އާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ރާއްޖެއިން ސޮއިކުރެއްވީ ހެލެތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ. ސަޢުދީޢަރަބިއްޔާއިން ސޮއިކުރެއްވީ އެ ޤައުމުގެ ސިއްޙަތާ ބެހޭ ވަޒީރު ޑރ.ތަޢުފީޤް އަލް ރާބިއާއެވެ.

މި ފަހުމުނާމާގެ ދަށުން ރާއްޖޭގެ ސިއްޙީދާއިރާއަށް މީހުން ބިނާކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ސިއްޙީމަރުކަޒުތައް އިތުރަށް ތަރައްޤީކުރުމަށާއި ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގައި ސަޢުދީ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ހެލްތް މިނިސްތްރީން މަޢުލޫމާތިދެއްވައެވެ.

"ޕޭޝަންޓް ސޭފްޓީ"ގެ 4ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރ އަމީން، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ އެ ޤައުމުގެ ސިއްޙަތާއި ބެހޭ ވަޒީރާ ބައްދަލުކުރައްވާ ރާއްޖެއާއި ސަޢުދީއަރަބިއްޔާ ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވާލައްވައި ސަޢުދީއިން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ރައްޖޭގެ ސިއްހީދާއިރާ ތަރައްޤީކުރުމަށް ސަޢުދީ އަރަބިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.