ޚަބަރު

ރޭގެ ހާދިސާތަކުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން-


މާލޭގައި ރޭ ހިނގާ ދިޔަ އަލިފާނުގެ ނުރައްކާތެރި ޙާދިސާތައް ފުލުހުން ތަޙުޤީޤުކޮށް މިކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު  ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.ފުލުހުން ވިދާޅުވީ ލިލީސްޓޯރުގެ ގުދަނެއްގައި ހިނގި އަލިފާނުގެ ޙާދިސާ ތަޙުޤީޤު ކުރުމުގެ މަސައްކަތް ފުލުހުންގެ ޚާއްޞަ ޓީމަކުން ކުރަމުންދާ ކަމަށެވެ.މިއާއެކު ރޭގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެސަރަޙައްދު ވަށައިގެން ހުރި ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަނދާ ހުލިވި ގުދަން ސާފުކުރުމުގެ މަސައްކަތް ފުލުހުންނާއި، ސިފައިންނައި ލިލީ  ގްރޫޕުގެ މުވައްޒަފުން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.ރޭގެ ދަންވަރުގެ ވަގުތެއްގައި ކުޅިވަރު އެކުވެނި ގޯތި ތެރޭގައިވެސް ބަޔަކު އަލިފާން ރޯކޮށްލާފައިވާކަން ފާހަގަކޮށް އެކަންވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން ކުނިގޮނޑު ސަރަޙައްދާއި ލަކުޑި ވައްދާ ގުދަންތަކާ ޕެޓްރޯލް ޝެޑްތަކުގެ އިތުރުން އެހެންވެސް މުހިއްމު ބައެއް ތަންތަނުގެ ސަލާމަތީ ކަންކަން ފުލުހުންނާ ސިފައިން ގުޅިގެން ވަނީ ބަލަހައްޓާފައެވެ.