ޚަބަރު

އަލިފާނުގެ ހާދިސާއަށްފަހު 4 ގެއަކަށް ވަގުތީ ބޯހިޔާވަހިކަން


މ. އޯކްވިލާގައި ހުރި ލިލީ ސްޓޯރްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހަތަރު ގެއެއްގެ މީހުންނަށް ސޯޝަލް ސެންޓަރުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.އެ ސެންޓަރުން ބުނީ ހަތަރު ގެއެއްގެ ހަތް މީހަކަށް ސޯޝަލް ސެންޓަރުގައި އަސާސީ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި، ގެއްލުން ލިބުނު ބައެއް ގެތަކުގެ މީހުން އެ ފަރާތްތަކުގެ ތިމާގެ މީހުންގެ ގެތަކުގައިވެސް އެބަތިބިކަމަށެވެ.ގެތަކަށް ލިބިފައިވާ ގެއްލުންތައް ދެނަގަތުމަށް ޑިޒާސްޓަރ އާއި، ހައުސިން މިނިސްޓްރީއާއި އެމް އެން ޑީ އެފްގެ އިންޖިނިއަރުން ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސްޑިޒާސްޓަރއިން މައުލޫމާތު ދެއެވެ.އެގޮތުން އިމަރާތްތަކަށް ލިބިފައިވާ ގެއްލުންތައް ދިރާސާކުރުމަށް ފަހު، އެތަންތަނަކީ މީހުން ދިރިއުޅެން ރައްކާތެރި ތަންތަންތޯ ޔަގީން ކުރުމަށް އިންޖިނިއަރުންގެ ޓީމުން މަސައްކަތް ކުރާނެ ކަމަށްވެސް ޑިޒާސްޓަރއިން ބުނެއެވެ.މީގެ އިތުރުން ޑިޒާސްޓަރގެ ބެލުމުގެ ދަށުގައި ތިބި ބޭރު ގައުމެއްގެ ދެ މީހަކަށްވެސް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ޑިޒާސްޓަރ އިން ބުނެއެވެ.ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އެސަރަހައްދުގެ ބައެއް ގެތައް ބޭނުންނުކުރެވޭ ވަރު ވަނީ ވެފައެވެ. އަދި ބައެއް ގެތަކަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވެއެވެ.