ވިޔަފާރި

މި ސަރަހައްދުގައި ވިޔަފާރީގެ ދާއިރާގައި ޖިންސީ ތަފާތުކުރުންތައް އެންމެ ކުޑަ ޤައުމަކަށް ރާއްޖެ


ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ވަޒީފާ ހޯދުމުގައާއި ވިޔަފާރީގެ ދާއިރާގައި، ތަފާތުކުރުންތައް އެންމެ ކުޑަ ޤައުމަކީ ރާއްޖެކަމަށް ވަރލްޑް ބޭންކުގެ ރިޕޯޓަކުން ދައްކައިފި.

ވަރލްޑް ބޭންކުން ނެރެ އާއްމުކޮށްފައިވާ މި ރިޕޯޓްގައިވާގޮތުން ރާއްޖެއަށްވަނީ، 73.75 ގެ ސްކޯރ އެއް ލިބިފައެވެ.

'ވިމެން، ބިޒްނަސް އެންޑް ދަ ލޯ 2019' ގެ ނަމުގައި ވަރލްޑް ބޭންކުން ޝާޢިއުކޮށްފައިވާ ރިޕޯޓުގައި ޖުމްލަ 189 ޤައުމު ވަނީ ހިމަނާފައެވެ. މި ރިޕޯޓުގައި އެ ޤައުމުތުގައި ވަޒީފާގެ ދާއިރާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެ ޖިންސުގެ ދެމެދު ތަފާތު ކުރުންތައް ހުރި މިންވަރު ބެލުމަށް އަށް ކަމެއްގެ މައްޗަށް ވަނީ ބަލާފައެވެ. އަދި މި ކަންތައްތައް ތަކަށް ބެލުމަށްފަހު ޤައުމުތަކަށްވަނީ ސްކޯރ އެއް ދީފައެވެ.

ސްކޯރ ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގައި އަންހެނުންނަށް ހުރި ފަސޭހަކަން، ވަޒީފާ ހޯދުމާއި ވަޒީފާގައި އުޅުމަށް އަންހެނުންނަށް ހުރި ފުރުސަތުތައް، މުސާރައިގެ ހަމަހަމަކަން ހުރި މިންވަރު ވަނީ ބަލާފައެވެ.
މީގެ އިތުރުން ކައިވެނިކުރުމަށްފަހު އަންހެނުން ވަޒީފާއަށް ނިކުންނަ މިންވަރު، ދަރިން ހޯދުމަށްފަހު ވަޒީފާގައި އުޅޭ އަންހެންވެރިންގެ އަދަދު، އަމިއްލަ ވިޔަފާރިއެއް ހިންގުމުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަދި އަންހެނުންގެ އަމިއްލަ މިލްކިއްޔާތުގައި ހުންނަ މުދަލާއި ތަކެތީގެ މިންވަރު އަދި ޕެންޝަން ލިބޭ އަންހެނުންގެ އަދަދު ފަދަ ކަންތައްތައް ހިމެނެއެވެ.


ވަރލްޑް ބޭންކުން އެކުލަވާލި ލިސްޓުގެ އެންމެ ކުރީގައި 6 ޤައިމެއް ހިމެނެއެވެ. އެ 6 ޤައުމަކީ ބެލްޖިއަމް، ޑެންމަރކް، ފްރާންސް، ލެޓްވިއާ، ލަގްޒަމްބަރގް އަދި ސްވިޑަންއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ މަތީ ސްކޯއެއް ލިބިފައިވާއިރު، މި ލިސްޓުގައި ރާއްޖެއަށް ލިބިފައިވަނީ، 114 ވަނައެވެ.

މި ރިޕޯޓުގައި ރާއްޖެއާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި އޮފީސް މާހައުލުގައި ޖިންސީ ފުރައްސާރަކުރުން މަނާކޮށްފައިވުމާއި، މެޓާނެޓީ ލީވް ލިބޭނެ އިންތިޒާމް އޮފީސްތަކުގައި ޤާއިމްކޮށްފައިވުމުގެ އިތުރަށް ލޯނުތައް ދިނުމުގައި ދެ ޖިންސު ދެމެދު ތަފާތު ކުރުން މަނާކޮށްފައިވުންފަދަ ކަންތައްތައް ހިމެނެއެވެ.

މި ރިޕޯޓުގައިވާ ގޮތުން ރާއްޖެއާއި އެންމެ ކައިރި ކުރާ ދެކުނު އޭޝިއާގެ ޤައުމަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާއަށް ލިބިފައިވަނީ، 71.25 ގެ ސްކޯރއެކެވެ.

ޤައުމުތައް ހިމެނޭ ސަރަހައްދަށް ބަލާއިރު، މި ލިސްޓުން އެންމެ ބޮޑު ކުރިއެރުންހޯދާފައިވަނީ ދެކުނު އޭޝިއާއެވެ. ސަރަހައްދީ ސްކޯއަށް ބަލާއިރު، ދެކުނު އޭޝިއާއަށް ލިބިފައިވަނީ 8.36 ގެ ސްކޯއެކެވެ.