ވިޔަފާރި

ރާއްޖޭގެ އެކި ހިސާބުތަކަށް އަމާޒުކޮށް 'މޯލްޑިވްސް ވިޒިޓާސް ސަރވޭ' ކުރިއަށްގެންދަނީ


ރާއްޖޭގެ އެކި ހިސާބުތަކަށް އަމާޒުކޮށް 'މޯލްޑިވްސް ވިޒިޓާސް ސަރވޭ' ކުރިއަށްގެންދަނީ

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ދިރާސާއެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

"މޯލްޑިވްސް ވިޒިޓާސް ސަރވޭ" ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރާއި ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާއިމެދު ފަތުރުވެރިންގެ ޚިޔާލުހުރި ގޮތާއި އަދިވެސް ފަތުރުވެރިންނާއި ގުޅުންހުރި މަޢުލޫމާތު ހޯދުމަށް އަހަރަކު ތިން ފަހަރު މަތިން، ތިން އަހަރު ދުވަހުގެ މުއްދަތަކަށް ރާވައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސަރވޭއެކެވެ.

މުޅި ރާއްޖެ ހިމަނައިގެން ކުރިއަށްގެންދާ މި ސަރވޭ ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ހާލަތު ދިރާސާކޮށް ދެމެހެއްޓެނިވި ނިޒާމެއް ޤާއިމްކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދިއުމަށް ނިންމި ސަރވޭއެއްކަމަށެވެ. މިސަރވޭގެ ޒަރިއްޔާއިން ފަތުރުވެރިންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލަފައިވާ ސަރވޭގައި ފަތުރުވެރިން ރާއްޖެއައިސް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވާ ތަންތަނާއި ދަތުރުފަތުރުކުރުމުގެ ޚިދުމަތްތަކާއި ބެހޭގޮތުން ފަތުރުވެރިންގެ ޚިޔާލު ހިމަނާފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ، މި ސަރވޭ އެކުލަވާލުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.