ޚަބަރު

މިނިސްޓަރު ޝާހިދު، 5 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފި


އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ 46ވަނަ ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު، ދުނިޔޭގެ ފަސް ޤައުމެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފިއެވެ.

އަބޫދާބީގައި ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި، ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ސަޢޫދީ އަރަބިއްޔާގެ ޚާރިޖީވަޒީރު ޢާދިލް އަލްޖުބައިރާއި ކްވައިތުގެ ޚާރިޖީވަޒީރު ޞަބާޙް އަލްޚާލިދު އަލްޞަބާޙާއި އަފްޣާނިސްތާނުގެ ޚާރިޖީވަޒީރު ޞަލާޙުއްދީން ރައްބާނީއާއި އުރުދުންގެ ޚާރިޖީވަޒީރު އައިމަން އަލްސަފަދީއާއި ރޫމޭނިއާގެ ޚާރިޖީވަޒީރު ތިއެދޯ ވިއޮރެލް މެލިޝްކާނޯއާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޢަބްދުﷲ ޝާހިދު އެއްމެފުރަތަމަ ބައްދަލު ކުރެއްވީ އުރުދުންގެ ޚާރިޖީވަޒީރު އައިމަން އަލްސަފަދީއާއެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި މިހާރުއޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ދެން ބައްދަލުކުރެއްވީ ރޫމޭނިއާގެ ޚާރިޖީވަޒީރު ތިއެދޯ ވިއޮރެލް މެލިޝްކާނޯއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައިވެސް މިނިސްޓަރު ޝާހިދުވަނީ ދެޤައުމުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރު ޝާހިދުވަނީ އަފްޣާނިސްތާނުގެ ޚާރިޖީވަޒީރު ޞަލާޙުއްދީން ރައްބާނީއާ ބައްދަލުކުރައްވައި އެޤައުމުގެ އެތެރޭގެގުޅުން ބަދަހި ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމުގައި އެއްބާރުލުން ދެވިދާނެ ކަންކަމުގެ އިތުރުން އަފްޣާނިސްތާނުގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރާ ބައްދަލު ކުރައްވައި މުހިންމު ކަންތައްތަކަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ސަޢުދީ ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި ދެޤައުމުގެ ދެމެދުގައި މިހާރުއޮތް ގުޅުން އިތުރަށް ކުރިއަށް ގެންދިއުމާގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޝާހިދު އެއްމެފަހުން ބައްދަލު ކުރެއްވީ ކްވައިތުގެ ޚާރިޖީ ވަޒީރު ޞަބާޙް އަލްޚާލިދު އަލްޞަބާޙާއެވެ. އެގޮތުން ދެ ބޭފުޅުންގެ ދެމެދުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ތަރައްގީގެ ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް އޯއައިސީއަކީ މުސްލިމުންގު އަޑު އުފުލައި މުސްލިމު ގައުމުތަކުގެ މެދުގައި ސުލްހަ އާއި ހަމަޖެހުން ޤާއިމްކުރުމުގެ ގޮތުން 1969ވަނަ ސަޢޫދީ ޢަރަބިއްޔާގެ އިސްނެންގެވުމާއެކު އުފެއްދެވި ޖަމްޢިއްޔާއެކެވެ. މެމްބަރު 57 ޤައުމު ހިމެނޭ އޯއަސީގެ މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުއެވެ.