ހިލޭ ހެލްމެޓް ބެހުމުގެ ޕްރޮގްރާމަށް ޢާއްމުންގެ ބޮޑުތަރުޙީބެއް ލިބިފައިވާއިރު މިހާތަނަށް ބާރަ ސަތޭކަ ހެލްމެޓު ބަހައި ނިންމާލާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 5000 ހެލްމެޓު ބެހުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ދުވަހު ވަނީ 2500 މީހުން ރަޖިސްޓަރކޮށްފައެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި ހެލްމެޓު ބަހާފައިވާއިރު މިހާތަނަށް 1200 ހެލްމެޓު ޓްރާންސްޕޯޓު އޮތޯރިޓީންވަނީ ސެޝަންތައް ފުރިހަމަކުރާ ފަރާތްތަކަށް ބަހާފައެވެ. އަދި މިޕްރޮގްރާމަށް ބައިވެރިންގެ ބޮޑު ތަރުޙީބެއް އޮތްކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. ހެލްމެޓު ބެހުމުގެ ސެޝަންތަކުގައި ބައިވެރިވި މީހުނަށް ބަލާއިރު ދެ ޖިންސުގެ ގިނަ ޢަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.
މިސެޝަންތަކުގައި ބައިވެރިވި ބައެއް ބައިވެރިންގެ ޚިޔާލު ހުރި ގޮތްބަލާލުމަށް ބައިވެރިންނާ ސުވާލުކޮށްލުމުން މިއީ މުހިއްމު މަޢުލޫމާތު ލިބިގެން ދިޔަ ޕްރޮގްރާމެއްކަން ފާހަގަކޮށް ހެލްމެޓު ހިލޭ ދޭއިރު މިހިނގާ ޕްރޮގްރާމްގެ ހަރުދަނާކަންވެސް ބައިވެރިން ފާހަގަކުރިއެވެ. އަދި ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިވާ ނާމޫނާގައިހުރި ހެލްމެޓު ލިބުން މާލެއިން ދަތިވެފައިވާއިރު މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ހެލްމެޓު ލިބިގެންދިޔުމުގެ ސަބަބުން ބޮޑު ލުޔެއް ވެފައިވާކަންވެސް ބައިވެރިންވަނީ ފާހަގަކޮށްފައެވެ.
މާލޭގައި ކުރިއަށްގެންދާ ހެލްމެޓު ބެހުމުގެ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު މާލޭގައި ބަހަން ހަމަޖެހިފައިވާ 2500 ހެލްމެތު ބަހައި ނިމުމުން އައްޑޫ އާއި ލ.ގަމުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދަނީ މަސައްކަތްކުރައްވަމުންނެވެ.
30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމުގެ ހުއްދައޮންނަ ކޮންމެ ސަރަޙާއްދެއްގައި ދުއްވާއިރު ހެލްމެޓު ނާޅައި ދުއްވުމަކީ 2010ވަނަ އަހަރުން ފެށިގެން މަނާކަމަކެވެ. 2010 ވަނަ އަހަރުން އެކުލަވާލި މި ޤަވާއިދާއެކު އައްޑޫ ސިޓީ ލިންކު ރޯޑުގައި ސައިކަލު ދުއްވާއިރު ހެލްމެޓު އެޅުން މަޖުބޫރުކޮށް ހެލްމެޓު ނާޅައި ދުއްވާ މީހުންނާމެދު ފިޔަވަޅުވެސް އަޅައެވެ. ރާއްޖޭގައި 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ސަރަޙައްދުތަކަކީ އައްޑޫ ސިޓީ ލިންކުރޯޑާއި ލ.ގަމު ލިންކުރޯޑާއި ސިނަމާލޭ ބުރިޖެވެ.
މިމަހުގެ 10 ވަނަ ދުވަހުންފެށިގެން ހެލްމެޓު އެޅުން ޓްރާންސްޕޯޓު އޮތޯރިޓީންވަނީ މަޖުބޫރުކޮށްފައެވެ.