މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު،ސީގެ ތެރެއިން ހިންގި ޚިޔާނާތާއި ގުޅޭގޮތުން ސުވާލު ކުރުމަށް، މަރުކަޒީ ބޭންކް، އެމް.އެމް.އޭގެ ވެރިންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ތިން ބޭފުޅަކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އެމް.އެމް.ޕީ.އާރު،ސީގެ ތެރެއިން ހިންގި ޚިޔާނާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަސީރާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިންގެ ގޮތުގައި ކުރިން ތިއްބެވި އަބްދުﷲ އަޝްރަފާއި އާތިފް ޝަކޫރެވެ.
މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމް.އެމް.ޕީ.އާރު،ސީގެ ތެރެއިން ހިންގި ބޮޑު ޚިޔާނާތާއި ގުޅިގެން ހިންގި ތަހުގީގަށްފަހު އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅޭ އިތުރު މައުލޫމާތުތައް ސާފު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް އަޝްރަފާއި އާތިފާއި ދެ ބޭފުޅުންވެސް ވަނީ ބަޔާން ދެއްވާފައެވެ. އެގޮތުން އާތިފްގެ ބަޔާނުގައި އެސް.އޯ.އެފުން ބޮޑެތި އަދަދު ތަކުން އެކައުންޓްތަކަށް ފައިސާ ޖަމާކުރާ މައްސަލަ އޭރުގެ ގަވަރުނަރުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އެހެން ނަމަވެސް އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ގަވަރުނަރު ދެއްކެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު ވާހަކަކަމަށް އެބަޔާނުގައިވެއެވެ.
އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް އަބްދުﷲ އަޝްރަފް ދެއްވި ބަޔާނުގައި އެސްއޯއެފްގެ އެކައުންޓުން ވަރަށް ގިނަ އަދަދުތަކުގެ ފައިސާގެ މުޢާމަލާތް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށާއި އެގޮތުން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ޓްރާންސެކްޝަންތަކުގެ ބޮޑުބައެއް އެކައުންޓުން ބޭރުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.
އެމްއެމްއޭގެ ގަވަރުނަރު ނަސީރާއި އެފް.އައި.ޔޫގެ ވެރިންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އިބްރާހިމް އާތިފާއި ޢަބްދުﷲ އަޝްރަފަށް މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް ކުރިން އަންގާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހަށެވެ. ނަމަވެސް އެ ދުވަހު އެ ބޭފުޅުން ހާޒިރު ކޮށްފައެއް ނުވެއެވެ.
އެމްއެމްއޭގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގެ މައްސަލަތައް ހުއްޓުވުމަށާއި ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ކުރާ ހޭދަ ހުއްޓުވުމަށް އަދި އެފަދަ އެންމެހާ މައްސަލަތައް ސަރުކާރާއި ކަމާބެހޭ އެއްމެހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށް އުފައްދާފައިވާ ޔުނިޓެކެވެ.