ވިޔަފާރި

240 ބައިވެރިންނާއެކު މޯލްޑިވްސް މާކެޓާސް ފޯރަމް ފަށައިފި


240 ބައިވެރިންނާއިއެކު މޯލްޑިވްސް މާކެޓާސް ފޯރަމް، ފަށައިފިއެވެ. މިއީ ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީ، ސީ.އެމް.އޭއިން އިންތިޒާމުކޮށްގެން އެއްދުވަހުގެ މުއްދަތަކަށް ބާއްވާ ފޯރަމެކެވެ.

މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން މި ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ދަށުން ހިންގާ، ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީން ކުރިއަށްގެންދާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމް ފައްޓަވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

ފޯރަމް ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިފަދަ ފޯރަމްތަކުގެ ސަބަބުން އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް އެހީވެދޭނެކަމަށެވެ. މާކެޓިންގ އަކީ ކޮންމެ ވިޔަފާރިއަކަށްވެސް މިހާރު މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މާކެޓިންގައި މިހާރު ބޭނުންކުރާ އުކުޅުތައްވެސް ތަފާތުކަމަށެވެ.

އެންއެންޔޫގެ މޯލްޑިވްސް ބިޒްނަސް ސްކޫލުގައި 1 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފޯރަމްގައި ވާހަކަދައްކަވަމުން ސީއެމްއޭގެ ސީ.އީ.އޯ އިލްޔާސް ހަނީފް ވިދާޅުވީ، މި ފޯރަމްތަކުގެ ބޭނުމަކީ ދާއިރާގެ ތަޖުރިބާކާރުން ގެނެސް އެމީހުންގެ ތަޖުރިބާ ހިއްސާކުރުންކަމަށެވެ. އަދި މާކެޓިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެކަމަށް މަގުފަހިކޮށްދިނުންކަމަށް އިލްޔާސް ވިދާޅުވިއެވެ.

މިއަހަރުގެ ފޯރަމްގެ ތީމްއަކީ "ޑިޖިޓަލް މާކެޓިންގ"އެވެ. އަދި މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ކީ-ނޯޓް ސްޕީކަރުން ބައިވެރިވެ މި ދާއިރާގެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީން ބާއްވާ މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ހަރަކާތެރިވާ މީހުންނަށް އަމާޒުކޮށްގެން ސީ.އެމް.އޭއިން ރާއްޖޭގައި ބާއްވާ ދެވަނަ ފޯރަމެވެ.