ޚަބަރު

މާލޭގައި ނުރައްކާތެރި، އަލިފާނުގެ ތިން ހާދިސާއެއް ހިނގައިފި


މާފަންނު އޯކްވިލާގައި ހުރި ލިލީ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގާ، އެގުދަން ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.މި ޙާދިސާގެ އިތުރުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ޙާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.ގުދަނުގައި ރޯވި އަލިފާން ގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވި، މިހާރު ކުރިއަށްދަނީ ގުދަން ސާފުކުރުމުގެ މަސައްކަތް ކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއްވައެވެ.ރޭ އެގާރަގަޑި ފަނަރަހާއިރު މާފަންނު އޯކްވިލާގައި ހުރި ލިލީ ސްޓޯރުގެ ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއިއެކު، ފުލުހުންނާއި، އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމުން ވަނީ އެ ސަރަޙައްދަށްގޮސް އަލިފާން ގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ސަރަޙައްދަކީ ގިނަ އަދަދެއްގެ އާއްމުންވެސް ދިރިއުޅޭ ސަރަހައްދެއްކަމުން، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންނާއި ސިފައިން ވަނީ އަލީފާން ރޯވެފައިވާ ސަރަހައްދުން އާއްމުން ދުރުކޮށް، އެ ސަރަހައްދަ ނުވަދެވޭނޭހެން ބަންދުކޮށްފައި. އަދި ސަލާމަތީ ބައެއް ސަބަބުތަކަށްޓަކައި އެ ސަރަހައްދުން އެވަގުތު ވަނީ ކަރަންޓުވެސް ކަނޑާލާފައެވެ.މަންޒަރުދުއް ބައެއް އާއްމުން އެމް.ބީ.ސީއާއި ވާހަކަދައްކަމުން ބުނީ، ގުދަނުގައި އަލިފާން ރޯވީ، ބާރު އަޑުތަކެއް ގޮވުމަށްފަހު ކަމަށާއި، އަލިފާންގަނޑު ރޯވުމާއިއެކު މުޅި އެ ސަރަހައްދަށް ދުމުގެ އަސަރު ފެތުރެންފެށިކަމަށެވެ. އަދި އެވަގުތު އެތާ ތިބި އާއްމުން އަވަސްވެ ގަތީ ގުދަން ކައިރީ ޕާކްކޮށްފައި ހުރި ވެހިކަލްތައް އެ ސަރަހައްދުން ދުރަށް ޖެންސުމަށްކަމަށެވެ.އަލިފާނުގެ ޙާދިސާ ހިނގި މި ގުދަނުގައި ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި، ކޮސްމެޓިކްސްގެ ބާވަތްތައް ހުރިއިރު، ގުދަނުގައި ހުރި ހުރިހާ މުދަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން ގުދަނުގައި އޮތް ތިން ޕިކަޕުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ލިލީ ގްރޫޕުގެ ވެރިޔާ އަހުމަދު ނާސިރު ވިދާޅުވީ، މި ހާދިސާގައި ލިބުނު ގެއްލުމުގެ އަގު އަދި ލަފާކުރަން ނޭންގޭކަމަށާއި، ރޯވި ގުދަނާއި، މުދާތައް ހުރީ އިންޝުއަރެންސްކޮށްފައިކަމަށެވެ.އެވަގުތު ގުދަނުގެ ތެރޭގައި ވިހި ކޮންޓެއިނަރުގެ މުދަލާއި، އަށް ޕިކަޕުގެ މުދާ ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި ކުރަމުންދިޔަ އިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގައި ދިވެހި ރެޑްކްރެސެންޓާއި ޑިޒާރޒްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލުން ވަނީ ހަރަކާތްތެރިވެފައެވެ.ގުދަނާ އިންވެގެން ހުރި ގެއަށްވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ވަނީކޮށްފައެވެ.މި ހާދިސާ ހިނގިތާ ގާތްގަނޑަކަށްއެއް ގަޑިއިރާއި ސާޅިސްފަސް މިނެޓް ތެރޭ ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްކޮށްފައެވެ. ނަމަވެސްދުވާލުވެގެން އައިއިރުވެސް އެ ސަރަޙައްދުން ދުމުގެ އަސަރު ފިލާފައެއް ނުވެއެވެ.މި ހާދިސާގެ އިތުރުންވެސް، މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ.ނީލާން ފިހާރައާއި، ކުޅިވަރު އެކުވެނި ހިމެނޭ ސަރަހައްދުގައި ބަންދުކޮށްފައި ހުރި ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ފުލުހުންނާއި ސިފައިން ގުޅިގެންވަނީ މި ދެ ސަރަހައްދުގައިވެސް ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ އެއްކޮށް ނިއްވާލާފައެވެ.ފުލުހުންދަނީ މިހާދިސާތައް އިތުރަށް ތަހުޤީޤުކުރަމުންނެވެ.