ޚަބަރު

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާތަކެއް


12:30މާފަންނު ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބިއްޖެ. އަދި މިކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައި. އެމްއެންޑީއެފް އިން ވަނީ މިތަނުގައި ހިފި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކޮށްފައި. 12:00މާފަންނު ކޮޅުގައި ހުރި ލިލީގެ ސެންޓު ގުދަނެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އަލިފާނުގެ ހާދިސާ ހިނގީ މިރޭ ގާތްގަނޑަކަށް 11:30 އެހާ ކަންހާއިރުއެވެ. މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެލްސިއޯން ބޭކަރީ ހުންނަ ހިސާބުގައެވެ. މިހިސާބަކީ ކުދި ގިނަ ހަނި ގޯޅިތަކެއް ހުރި ސަރަހައްދެއްކަމުން، އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް އުދަނގޫތަކެއް ހުރިކަމަށް ޚަބަރު ލިބެއެވެ. އެމްއެންޑީއެފްގެ ފަޔަރ އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު އެސަރަހައްދުގައި ތިބި އެމްބީސީގެ ރިޕޯޓަރުން އެންމެ ފަހުން ޚަބަރު ދިންގޮތުގައި، އަލިފާން ރޯވެފައިވާ ގުދަނުގެ ހުޅުގަނޑު ބޭރަށް ފެންނަން އެބަ ހުއްޓެވެ. އަދި، ބޯކޮށް ދުން އަރަމުން އެބަ ދެއެވެ. މިއާއެކު ކައިރީގައި ހުރި ގޭގައިވެސް އަލިފާން ހިފާފައިވެއެވެ. އެހެންނަމަވެސް، އެގޭގައި ރޯވި އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ. އަލިފާނުގެ ހާދިސާ ހިނގި ގުދަނުން އަދިވެސް އަލިފާން ގަނޑުގެ ކޮންޓްރޯލް ނުކުރެވެއެވެ. ލިލީ ސްޓޯރު ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.