ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން މިއަހަރުގެ ފުރަތަމަ ޓާރމްގެ މިޑް ޓާރމް ބްރޭކްއާއި ދިމާކޮށް ޚާއްސަ ޕްރޮގްރާމްއެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއަކީ، މީޑިއާގެ ދާއިރާއިން ފަންނުވެރިން ބިނާކުރުމުގެ މަޤުސަދުގައި ރާއްޖޭގައި ހިންގާ ފުރަތަމަ އިދާރާއެވެ. އެމްއެމްއައިން ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގައި މިދާއިރާއިން ފަންނުވެރިން ބިނާކުރުމަށް ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ. އެގޮތުން މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާއި ގުޅިގެންވެސް އެމްއެމްއައިންދަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.
އެމްއެމްއައިއިން މިއަހަރުގެ ފުރަތަމަ ޓާރމްގެ މިޑް ޓާރމް ބްރޭކްއާއި ދިމާކޮށް ޚާއްސަ ޕްރޮގްރާމްއެއް ކުރިއަށްގެންދިއުމަށް ނިންމާ ވަނީ ނިންމައިފިއެވެ. މި ޕްރޮގްރާމްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ މި ފަހަރުގެ ފުރުސަތުގެ ދަށުން ޖުމުލަ 4 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އުމުރުން 10 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް މި ކޯސްތަކުގައި ބައިވެރިވެވޭނެކަމަށ ޖިނާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މީޑިއާގެ ދާއިރާއިން ފަންނުވެރިން ބިނާކުރުމުގެ މަޤުސަދުގައި ރާއްޖޭގައި ހިންގާ އިންސްޓިޓިއުޓެއް. އެގޮތުން މިފަހަރުގެ މިކޯސްތަކުންވެސް ބައިވެރިވާކުދިންނަށް ތަފާތު އައު ތަޖުރިބާތަކެއް ދާއިރާގެ ތަޖުރިބާކާރުންގެ ކިބައިން ލިބިގެންދާނެ." މުޙައްމަދު ޖިނާހު ވިދާޅުވިއެވެ.
މިމަހުގެ 10ކުން 14 އަށް ކުރިއަށްގެންދާ "މިޑް ޓާރމް ހޮލިޑޭ ފަން" ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކަކީ، ޓެލެވިޝަން ޕްރެސެންޓިން ވޯކްޝޮޕްއަކާއި، ނިއުސް ރައިޓިންގް އިން ދިވެހި އެންޑް އިންގްލިޝް، ބޭސިކް ޓްރެއިނިންގް އިން ވީޑިއޯ ޕްރޮޑަކްޝަން ފޯ ކިޑްސް ކޯހެވެ.
އެމްއެމްއައިއިން ހިންގާ ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު އެމްއެމްއައި ހިންގާ ދިވެހިރާއްޖޭގެ އަޑު ހުންނަ ޢިމާރާތުން ލިބޭނެކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ. އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، ސްކޫލް ޗުއްޓީއާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ"ގެ ނަމުގައި ޚާއްޞަ ކުރު ކޯސްތަކެއްވެސް ހިންގާފައެވެ.