މިމަހުގެ 26 އިން އޭޕްރިލް 4 އަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް މާކެޓް ފެސްޓިވަލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ސްޓޯލްތަކުގެ ތެރެއިން މިހާތަނަށް 100 ސްޓޯލް ވިކިފައިވާކަމަށް މި ފެސްޓިވަލް އިންތިޒާމުކުރާ ޖަމިއްޔާއިން ބުނެފިއެވެ
މި ފެސްޓިވަލް އިންތިޒާމުކުރާ "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުން ބުނީ، ޓްރޭޑް މާކެޓް ފެސްޓިވަލަކީ، ރޯދަމަހާއި ދިމާކޮށް ހެޔޮ އަގެއްގައި އާންމުންނަށް އެކި ބާވަތުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ފެސްޓިވަލެކެވެ.
މި ފެސްޓިވަލްގައި އެކި ބާވަތުގެ 200 ވިޔަފާރި ސްޓޯލްތައް ބެހެއްޓުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ. އެގޮތުން މީގެތެރެއިން 100 ސްޓޯލް މިހާރު ވިކިފައިވާކަމަށާއި ބާކީ ހުރި ސްޓޯލްތައް ގަތުމަށް މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފުރުސަތު އެބައޮތްކަމަށް "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމެންޓް" އިން ބުނެއެވެ.
ސްޓޯލްތަކުގެ އިތުރުން މިފެސްޓިވަލްގައި 2 ކެންޓީން ބެހެއްޓުމަށް އެޖަމިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. މި ކެންޓީނުން ސްޓޯލްތަކުން ލިބޭ ލުއި ކާނާގެ ބަދަލުގައި ހަރު ކާތަކެތި ލިބިގެންދާނެކަމަށް ސްޓްރައިވްއިން ބުނެއެވެ. މީގެއިތުރުން މުނިފޫހިފިލުވުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިންނާއި ޖާދޫ ހަދާ މީހުން ބައިވެރިކުރުވައި ތަފާތު ހަރަކާތްތައް ކުރިއަށްދާނެކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މި ފެސްޓިވަލްގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ މަސައްކަތްތައް ޕްރޮމޯޓްކުރެވޭނެކަމަށްވެސް "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމެންޓް" އިން ބުނެއެވެ.
ސްޓްރައިވްއިން ބުނީ މި ހަރަކާތުން ލިބޭ ފައިދާގެ %30 ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި ފެސްޓިވަލްއާއި ގުޅުވައިގެން ސްޓްރައިވްއިން ފޭސްބުކްގައި ކުރިއަށްގެންދާ "ލައިކް" އެންޑް "ޝެއަރ" ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް އެއް ސްޓޯލް ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ސްޓޯލް ގަތުމަށް ހުޅުވާލާފައިވާ އެންމެ ފަހު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފޯމު ސްޓްރައިވް އިވެންޓްސްގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.