ތަޢުލީމު

އެކި ދާއިރާތަކުން މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށްފަހު ތައްޔާރުކުރާ އެކްޝަން ޕްލޭންގެ މަސައްކަތް ފަށަން ތައްޔާރުވަނީ


ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އިތުރަށް މީހުން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕުން ފާހަގަ ކުރެވުނު ކަންތައްތަކަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފައިނަލްކޮށް ނިމޭނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ރިޕޯޓް ފައިނަލްކޮށް ސްޓްރެޓެޖިކް ޕްލޭންއާއި އެކްޝަން ޕްލޭން ތައްޔާރުކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ނޭޝަނަލް ޓްރެއިނިންގ ނީޑްސް އެނަލިސިސް ވެލިޑޭޝަން ވޯކްޝޮޕް"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ވޯކުޝޮޕުގައި ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަމާއި، ސިއްޙީ ދާއިރާއާއި، އިދާރީ ދާއިރާ އަދި ވިޔަފަރީގެ ދާއިރާގައި މަސައްކަތް ކުރާ 100އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މި ދާއިރާތަކަށް ބޭނުންވާ، ތަމްރީން ލިބިފައި ތިބި މީހުން ބޭނުންވާ އަދަދުތަކާއި، އަދި މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި މަޝްވަރާކޮށްފައިވެއެވެ.

މި މަސައްކަތު ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ޝަފީނާ ވިދާޅުވީ އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅުން ހުރި ހުރިހާ ދާއިރާއެއްވެސް ފާހަގަކޮށްފައިވާކަމަށެވެ.

މިހާތަނަށް ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅުން ހުރި ބައިތަކަކީ ކޮބައިކަން ދެނެގަނެފައިނުވާކަން ފާހަގަކޮށް ޝަފީނާ ވިދާޅުވީ މި ބައްދަލުވުމުގެތެރެއިން އެކަންކަންވެސް ފާހަގަކޮށްފައިވާކަމަށެވެ. އަދި މި ބައްދަލުވުމުން ލިބުނު މަޢުލޫމާތުގެ އަލީގައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ އެއަށް އަމަލުކުރަން ފަށާނެކަމަށާއި ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ބައްދަލުވުމުގެ ފައިނަލް ރިޕޯޓް ހާމަކުރައްވާނެކަމަށެވެ.

"ރާއްޖޭގެ އާބާދީގެ 11.5 އިންސައްތަ މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާ ނުކުރާ މީހުން. މީގެ ތެރެއިން ބޭނުންވާ ވަޒީފާ ނުލިބިގެން ވަޒީފާ އަދާނުކުރާ ފަރާތްތައް ހިމެނޭ. ކުރިއަށް އޮތް ދެހަފްތާތެރޭގައި ފައިނަލް ރިޕޯޓް ހަމަކުރާނެ. އެއަށްފަހު ސްޓްރެޓެޖިކް ޕްލޭންއެއް އަދި އެކްޝަން ޕްލޭންއެއް ތައްޔާރުކުރާނަން،" ޝަފީނާ ވިދާޅުވިއެވެ.

މި ވޯކްޝޮޕުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން މީހުން ބޭނުންވާ މަޤާމުތާއި، އަދަދުތަކާއި، އަދި ލެވަލްތައް ފާހަގަކޮށްފައެވެ.

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އަދި އިތުރަށް މީހުން ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ ބެލުމަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިންގ ނީޑް އެނަލިސިސްއެއް ޤައުމީ ފެންވަރުގައި ހެދުމަށް ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.