ޚަބަރު

ދުންފަތުގެ ބާވަތްތަކުގެ ޕެކެޓު ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުން ނަތީޖާ ނެރެވިދާނެބާ؟


ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދުންފަތުގެ ވަބާގައި ޖެހިފައިވާއިރު ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ ކުރެހުމެއް ހުރެގެން ނުވަތަ މެސެޖެއް ލިޔެފައި ހުރުމުން ނާތީޖަ ނެރެވިދާނެތޯ މިއީ ބައެއް މީހުން އުފައްދަމުންދާ ސުވާލެކެވެ.

ދުންފަތުގެ ބާވަތްތަކާއި އެފަދަ ބާވަތްތަކުގެ ތަކެތީގެ ޕެކެޓުތަކުގެ ބޭރުގައި އިންޒާރުގެ މެސެޖު ޖެހުމަކީ ރާއްޖެގައި ޢާއްމު ނޫންކަމެއް ނަމަވެސް ދުންފަތާދެކޮޅަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އިންޒާރުގެ މެސެޖު ޖަހައިގެން ދުންފަތާ ދެކޮޅަށް 1980ގެ އަހަރުތަކުން ފެށިގެންގެދަނީ މަސައްކަތްކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު މަދުވަމުންދާކަމަށް ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ ސަރުކާރުތަކުންދަނީ ދުންފަތާ ދެކޮޅަށް ޖަހާ އިންޒާރުގެ މެސެޖު ވަރުގަދަކޮށް އެކަމަށް ކުރާ ހޭދަ އިތުރުކުރަމުންނެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާޢުމުރު ކުރިއަށްވުރެ ހަނގުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ. ގައިންގަޔަށް ނާރާ ބަލިތަކުގައި އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވާއެއް ސަބަބެއްކަމުގައި މުޅި ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދިމާވާ އެކިބަލިތައް ހިމެނޭއިރު ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން 178 މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް މެސެޖެއް ހުންނައިރު މިއިންޒާރުގެ މެސެޖު ފޮޓޯއާއިއެކު ޖެހުމުން މިހާރަށްވުރެ ބޮޑަށް ޢާއްމުން މިކަމަށް ދޭސަމާލުކަން އިތުރުވާނެކަމަށާއި އޭގެ ސަބަބުން ދުންފަތުގެ ނުރައްކާ ކުޑަކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

އަލަށް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކުދިން ޢާއްމުކޮށް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށަނީ އެކުދިންގެ ޕޮކެޓު މަނީ ގެ ގޮތުގައި ބޭނުންކުރުމަށްދޭ ރުފިޔާއިންކަމަށްވުމުން އަލަށް އެކުލަވާލެވުނު ގަވާއިދުގެ ސަބަބުން އެފަދަ ކުދިންނަށް ވަކިވަކިން ސިގިރެޓުގަނެގެން ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.

ރާއްޖެ މިއަދުގައި ވާހަކަފުޅު ދައްކަވަމުން ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ނޮން ކޮމިއުނިކަބަލް ޑިޒީސް އެލަޔަންސް ގެފަރާތުން އަޙްމަދު ޝަފީޢު ވިދާޅުވީ ދުންފަތާ ދެކޮޅަށް ރާއްޖޭގައި 2011ވަނަ އަހަރު ކުރިއަށްގެންދިޔަ ސަރވޭއަކުން ދައްކާގޮތުގައި ޢުމުރުން 9އަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކުދިން ރާއްޖޭގައި އެބަތިބިކަމަށާއި މިއީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ދުންފަތާ ދެކޮޅަށް ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ޞާލިހުގެ ފުރަތަމަ 100ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ދުންފަތާ ދުރުވުމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ކުރަހޭދަ އިތުރުކުރުމަށް މިހާރުވަނީ ފާށާފައެވެ. މިމަސައްކަތުގެ ދަށުން މިހާރުވަނީ ރާއްކެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގެ ޕެކެޓުކުރުމާއި ލޭބަލް ކުރުމާއި ބެހޭ ޤަވާޢިދު އެކުލަވާލާފައެވެ.

އަންނަ މޭއި މަހުގެ 31ވަނަ ދުވަހުން ފެށިގެން މިގަވާއިދަށް ޢަމަލުކުރަން ފެށުމުން ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގައި އެޗްޕީއޭއިން ކަނޑައާޅާފައިވާ އިންޡަރުގެ ޑިޒައިނާ އެއްގޮތަށް ލޭބަލްކޮށްފައި ހުންނަ ބާވަތްތައް އެތެރެ ނުކުރެވޭނެއެވެ. އަދި ވަކިވަކިން ސިނގިރޭޓު ވިއްކުންވެސް މަނާވާނެއެވެ.