ވިޔަފާރި

އިންޑިއާ ކަނޑުގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ހުރަވަޅި އައިލެންޑް ރިސޯޓް

އިންޑިއާ ކަނޑުގެ އެންމެ ރޮމޭންޓިކް ރިސޯޓް ހޮޓެލްގެ އެވޯޑް ރާއްޖޭގެ ހުރަވަޅި އައިލެންޑް ރިސޯޓަށް ލިބިއްޖެއެވެ.

އިންޑިއާ ކަނޑުގެ އެންމެ ރޮމޭންޓިކް ރިސޯޓް ހޮޓެލްގެ އެވޯޑް ރާއްޖޭގެ ހުރަވަޅި އައިލެންޑް ރިސޯޓަށް ލިބިފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ބޭއްވި ލަވް ޓްރެވަލް އެވޯޑްސް ހަފްލާގައެވެ.

ލަވް ޓްރެވަލް އެވޯޑްސް ހަފްލާގައި ގިނަ އެވޯޑްތަކެއް ދީފައިވެއެވެ. އެގޮތުން އެންމެ ރޮމޭންޓިކް ސިޓީ ހޮޓެލް، އެންމެ ރޮމޭންޓިކް ހޮޓެލް ބްރޭންޑް ފަދަ އެވޯޑްތައް ހިމެނެއެވެ.

ލަވް ޓްރެވަލް އެވޯޑަށް ރިސޯޓް އަދި ހޮޓާތައް ޝޯޓްލިސްޓް ކުރުމުގައި ލޯބިވެރިންގެ މަންޒިލްތަކާއި ގުޅޭ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭ ފަރާތްތަކުގެ ހިޔާލް ހޯދާއިރު، ޝޯޓް ލިސްޓް ކުރެވޭ ރިސޯޓު އަދި ހޮޓާތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ވޯޓުންނެވެ. މި ސަބަބަށްޓަކައި މި އެވޯޑަކީ ވަރަށް ޝަރަފްވެރި އެވޯޑެކެވެ.

ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓާއެކު ތަރައްޤީކޮށްފައިވާ ހުރަވަޅި އައިލެންޑް ރިސޯޓަކީ 60 މޫދު ވިލާ އަދި 30 ބީޗް ވިލާ ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.