ވިޔަފާރި

މިއަހަރުގެ މޯލްޑިވްސް މާކެޓާސް ފޯރަމް މާދަމާ ފަށަނީ


ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީ، ސީ.އެމް.އޭއިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ މޯލްޑިވްސް މާކެޓާސް ފޯރަމް، މާދަމާ ފަށާނެއެވެ.

މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން މި ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ދަށުން ހިންގާ، ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީން ކުރިއަށްގެންދާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމުގައި 200 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވާއިރު މި ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލުގައެވެ.

މިއަހަރުގެ ފޯރަމްގައި "ޑިޖިޓަލް މާކެޓިންގ"ގެ ދާއިރާއާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ. އަދި މި ފޯރަމްގައި މަޢުލޫމާތު ދިނުމަށް ބޭރުގެ ތަޖުރިބާކާރުންނާއި ކީ-ނޯޓް ސްޕީކަރުން ބައިވެރިވެ މި ދާއިރާގެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް މާކެޓާސް ފޯރަމްގެ މިއަހަރުގެ ޓައިޓްލް ޕާޓްނަރއަކީ އޮންލައިން ވިޔަފާރި ޕްލެޓްފޯމެއްކަމަށްވާ ކޫ ޑޮޓް އެމްވީއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ސިމްފަނީ ރެސްޓޯރަންޓް، އެމްޓީސީސީ، އެލައިޑް، އެމް ސެވެން ޕްރިންޓް އަދި ޗަންޕާ ސެންޓްރަލް ހޮޓެލްއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީން ބާއްވާ މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ހަރަކާތެރިވާ މީހުންނަށް އަމާޒުކޮށްގެން ސީ.އެމް.އޭއިން ރާއްޖޭގައި ބާއްވާ ދެވަނަ ފޯރަމެވެ.