ސިޔާސީ

އާސަންދައާއި އެންސްޕާއިންވެސް ޙީލަތާއި އޮޅުވާލުން


އާސަންދަ ކުންފުނީގެ ކުރީގެ އިސްވެރިޔަކާއި އެންސާޕާގެ ކުރީގެ އިސްވެރިޔަކު، މެޑިކަލް ވެލްފެއަރގެ އެހީދުނުމުގެ އުސޫލާ ޚިލާފަށް ދައުލަތުން ޚަރަދުކޮށްފައިވާކަމަށް ލީކުވެފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީގެ ތަޙްޤީޤީ ރިޕޯޓަކުން ހާމަވެއްޖެއެވެ.

އެންސްޕާއާއި އާސަންދަ ކުންފުންޏަކީ ދައުލަތުގެ ޚަރަދުގައި ރާއްޖެއިން ލިބެންނެތް ބޭސްފަރުވާގެ ޚިދުމަތް ހޯދައިދުމަށްދައުލަތުން އެހީދިނުމަށް އެފައްދާފައިވާ ކުންފުނިތަކެކެވެ. އެކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށްބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ތަޙްޤީޤްކޮށް ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ، އާސަންދަ ކުންފުންޏާއި އެންސްޕާގެ އިސްފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާއަށް އާސަންދައިން އެއްވެސް ޚިދުމަތެއް ހޯދާފައިވޭތޯ ބެލިބެލުމުން، އެންސްޕާއަށް ބިލްކުރާގޮތަށް އާސަންދަ ކުންފުނި މެދުވެރިކޮށް އެކުންފުނީގެ އޭރުގެ ވެރިޔަކާއި އޭނާގެ ޢާއިލާގެ ފަސް މެންބަރަކާއި، އެންސްޕާގެ ވެރިއެއްގެ ދެދަރިއަށް ބޭސްފަރުވާގެ އެހީ ހަމަޖައްސާފައިވަނީ އެންސްޕާ މެދުވެރިވެގެން މެޑިކަލް ވެލްފެއަރގެ އެހީދިނުމަށް އެކުލަވާލާފައިވާ އުސޫލާ ޚިލާފަށްކަމަށެވެ.

އެ ދެބޭފުޅުންގެ ޢާއިލާގެ މީހުންތެރެއިން ބައެއް މީހުން ފަރުވާހޯދާފައިވަނީ އިމަޖެންސީކޮށް ފަރުވާ ހޯދަންޖެހޭފަދަ ޙާލަތެއްގައި ނޫންކަން އެނގެން އޮތްކަމަށާ، އެންސްޕާއިން އެއިން އެއްވެސް ފަރާތެއްގެ މާލީ ޙާލަތު ދެނެގަނެފައިވާކަންވެސް އެނގެން ނެތްކަމަށްވެސް އޭސީސީގެ ތަޙްޤީޤް ރިޕޯޓްގައި ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓްގައި އެންސްޕާގެ ވެރިއެއްގެ ދަރިއަކަށް އެންސްޕާ މެދުވެރިކޮށް ހޯދާދީފައިވާ ފަރުވާއަކީ ރާއްޖެއިން ފަރުވާ ނުދެވިއްޖެނަމަ ޑޮކްޓަރުންގެ ލިއުމާއެކު އާސަންދައަށް ހުށަހެޅުމުން ހަމަޖައްސައިދޭން އޮންނަ ފަރުވާތަކެއްނަމަވެސް އެފަރުވާތައް ކުރިއަށް ގެންދިއުމަށްއެންސްޕާއިން ލަފާދީފައި ނުވާކމަށްވެސް އޭސީސީގެ ތަޙްޤީޤް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން މި ރިޕޯޓްގައި ބުނެފައިވާގޮތުން އިމަޖެންސީގައި ފަރުވާ ހަމަޖައްސައިދިނުމަށް އެދުނު ލިސްޓްގައި އާސަންދަ ކުންފުނީގެ ކުރީގެ ވެރިޔަކާއި އެންސާޕާގެ ކުރީގެ ވެރިއެއްގެ އިތުރުން، އިތުރު 42 މީހަކު ހިމެނޭކަމަށާ، އޭގެތެރެއިން ގިނަބަޔަކަށް ފަރުވާ ހަމަޖައްސައިދީފައިވަނީ އިމަޖެންސީ ޙާލަތުގައި ނޫންކަމަށެވެ. މި ރިޕޯޓުގައިވާގޮތުން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން އާސަންދަ މެދުވެރިކޮށް ހޯދި ޚިދުމަތްތަކަށް ބިލްކުރި ޢަދަދަށްވުރެ އެތައްގުނަ އިތުރު ޢަދަދަކަށް ފައިސާވަނީ ހޭދަކޮށްފައެވެ. އަދި މިފައިސާ ދައްކާފައިވަނީ އިތުރަށްކުރި ޚަރަދުތަކުގެ ބިލްތައް އެއާއެކު ނުހިމަނައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ދައުލަތަށް 663060 ރުފިޔާގެ ގެއްލުންވެފައިވާކަމަށް މިރިޕޯޓުން ހާމަވެއެވެ.

މި ހުރިހާކަމެއް ތަޙްޤީޤަށް ސާބިތުވިނަމަވެސް ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ސާބިތުކުރެވޭނެ ކާފީހެކި ލިބިފައި ނުވާކަމަށް އޭސީސީން ތަޙްޤީޤްކޮށް އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ. މި ރިޕޯޓު ލީކުވެފައިވާ މައްސަލަ މިހާރު ބަލަމުންދާކަމަށް އޭސީސީން ވިދާޅުވެއެވެ.