ތަޢުލީމު

މަތީ ތައުލީމުގެ ފުރުސަތު އިތުރު ކުރުމާބެހޭ މަޝްވަރާތަކެއް ކޮށްފި


ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށް، ފުޅާ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޢައްޒާމް ބިން މުޙަންމަދު އާލް-ދަޚީލް މަޝްވަރާ ކުރައްވައިފިއެވެ.އެބޭފުޅުން މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސަޢޫދީ ޢަރަބިއްޔާގެ އެޑިޔުކޭޝަން މިނިސްޓަރ މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ބައެއްގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާގެ އެހެން ބައެއް ވަޒީރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވިއެވެ.މިގޮތުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޑިފެންސް، މުޙަންމަދު ބިން ސަލްމާން އާލް-ސަޢުދާއި، މިނިސްޓަރ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް، ޢަލީ ބިން އިބްރާހީމް އާލް-ނަޢީމީއާއި، މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-ޢައްސާފާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އިންޑޯމެންޓްސް، ކޯލް އެންޑް ގައިޑެންސް، ޞާލިޙް ބިން ޢަބްދުލްޢަޒީޒް އާލް އައްޝައިޚާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވިއެވެ.ވަކިވަކިން އޮތް މި ބައްދަލު ކުރެއްވުންތަކުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުން، އެބޭފުޅުންގެ ވުޒާރާތަކުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވިއެވެ.