ޚަބަރު

ސައިކްލޯން ބަލިކުރެވުނީ ގޭމް ޕްލޭނާއި އެއްގޮތަށް ކުޅެވުމުން - ކޯޗު ގުރައިޝް


މިދިޔަ އަހަރުގެ ޗެމްޕިއަން ސައިކްލޯން ބަލިކުރެވުނީ ޔޫއެން ފްރެންޑްސްގެ ގޭމް ޕްލޭނާއި އެއްގޮތަށް ކުޅެވުމުންކަމަށް ޔޫއެން ފްރެންޑްސްގެ ކޯޗު ގުރައިޝް އަފްރާހު ބުނެފިއެވެ.

ހަތާވީސްވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ތަށި ސައިކްލޯން ބަލިކުރުމަށްފަހު ޔޫއެން ފްރެންޑްސް ހޯދީ ފައިނަލްގައި ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. މެޗަށްފަހު ޗެމްޕިއަން ޔޫއެން ފްރެންޑްސްގެ ކޯޗު ގުރައިޝް އަފްރާހު ބުނީ ފަރިތަކުރުންތަކާއި، މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ޓީމް ކުޅުނީ ސައިކްލޯން ބަލިކުރެވޭނެ ގޮތްތަކަށް ވިސްނައިގެންކަމަށާއި، މިއީ ޓީމެއްގެ ގޮތުގައި ހޯދުނު މޮޅެއްކަމަށެވެ.

އޭނާ ބުނީ މިދިޔަ އަހަރު ބާސްކެޓް ބޯޅަ ހުރިހާ މުބާރާތެއްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް ސައިކްލޯން ބަލިކުރުމަކީ މުބާރާތަށް ނިކުތްއިރުވެސް ބޮޑު ޗެލެންޖެއްކަމަށެވެ. އަދި ދެ ފަހަރަށް އެޓީމް ބަލިކޮށް ތަށި ލިބުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށް ކޯޗު ބުންޏެވެ.

ކޯޗު ގުރައިޝް ބުނީ ޔޫއެން ފްރެންޑްސްގެ ސީނިއަރ ކުޅުންތެރިންގެ ތަޖުރިބާ މެޗުގައި ވަރަށް މުހިންމުވިކަމަށާއި ފައިނަލް ކަހަލަ ޕްރެޝަރު މެޗެއްގައި އެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނުކަމަށް އޭނާ ބުންޏެވެ.