ޚަބަރު

އެމްބީއޭ ޗެމްޕިއަންޝިޕް އަންހެންބައިގެ ޗެމްޕިއަންކަން ޔޫއެން ފްރެންޑްސް ކާމިޔާބުކޮސްފި


މިދިޔަ އަހަރުގެ ޗެމްޕިއަން ސައިކްލޯން ބަލިކޮށް ޔޫއެން ފްރެންޑްސް އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

27ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ސައިކްލޯން ބީސީއާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗު 58 ޕޮއިންޓް 30 ޕޮއިންޓުން ކާމިޔާބުކުރީ ޔޫއެން ފްރެންޑްސްއެވެ. ފައިނަލް މެޗުގެ ކުރިން މި ދެޓީމް ކުޅުނު މެޗުވެސް ކާމިޔާބުކުރީ ޔޫއެން ފްރެންޑްސްއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާރ ޔޫއެން ފްރެންޑްސް ނިންމާލީ 16 ޕޮއިންޓްގެ ލީޑަކާއިއެކުއެވެ. ޖެހިގެން އައި ތިން ކުއާޓަރގައިވެސް އެޓީމް އޮތީ ބޮޑު ލީޑެއްގައެވެ. ސްކޯރގެ ތަފާތު ޔޫއެން ފްރެންޑްސްއިން ބޮޑުކުރީ ތިންވަނަ ކުއާޓާރގައެވެ. މެޗުގައި ޔޫއެން ފްރެންޑްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ކަމަށްވާ ފާތިމަތު ރިޝްމާ، ޝިޒްނާ ރަޝީދު އަދި އައިޝަތު ރީމާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވިއެވެ.

ޔޫއެން ފްރެންޑްސް ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސަތޭކަ ޕަސެންޓް ރެކޯޑަކާއިއެކުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ ފާތިމަތު ރިޝްމާއެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައިވެސް ރިޝްމާ ހިމެނެއެވެ. އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނު ކުޅުންތެރިންނަކީ ޔޫއެން ފްރެންޑްސްގެ އައިޝަތު ރީމާ އާއި، ޝިޒްނާ ރަޝީދު އާއި، އިސްރާއު އަބްދުއްޝުކުރޫގެ އިތުރުން ސައިކްލޯންގެ ނަޝްފާ އާމިރާ އަދި އެޓީމްގެ ރައިފާ އިބްރާހިމްއެވެ.