ސިއްހަތު

ހިތުގެ ޓެސްޓުތައް ހެދުމުގެ ޚިދުމަތް މާދަމާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަށަނީ


ހިތުގެ ޓެސްޓުތައް ހެދުމުގެ ޚިދުމަތް މާދަމާއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން ސީއީއޯ ޑރ.މުޙައްމަދު ވަޙީދު ވިދާޅުވީ ހިތާއި ނާރުގެ ޑޮކްޓަރުން އެ ހޮސްޕިޓަލުގެ އޯޕީޓީގައި ބަލިމީހުން ބަލަމުންގެންދާތާ މިހާރު ދުވަސްކޮޅެއްވެފައިވާކަމަށެވެ. އަދި ހިތުގެ ޓެސްޓުތައް ހެދޭނެ އިންތިޒާމް މިހާރު އެ ހޮސްޕިޓަލުގައި ހަމަޖެހިފައިވާ ކަމަށާ، މާދަމާއިން ފެށިގެން އެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ނާރުގެ ޓެސްޓުތައް ހެދޭނެ އިންތިޒާމުވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުޙައްމަދު ވަޙީދު ވިދާޅުވީ މިޚިދުމަތްތައް އެ ހޮސްޕިޓަލުން ދޭން ފެށުމަކީ އެރަށާއި އެ އަތޮޅުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

"
"ހިތާ ނާރުގެ ޑިކްޓަރުންގެ އޯޕީޓީ މިހާރުވެސް ހަމަ ކުރިއަށްދާނެ.ހިތުގެ ޑޮކްޓަރަށް ބޭނުންވާ އިކޯ ކާޑިއޯ މެޝިން މިކޮޅުގަ ބެހެއްޓި އިންސްޓޯލްކުރެވި ބޭނުންވާ ތަމްރީން ވެސް މިހާރުވަނީ ދެވިފަ.އެގޮތުން 1 މާރޗުން ފެށިގެން މިސާވިސް ގަވާއިދުން މި ހޮސްޕިޓަލުން ލިބެން ހުންނާނެ. ސީޓީ ސްކޭން ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން އެދަނީ މަސައްކަތް ނިމުނުހާ އަވަހަކަށް ނާރުގެ ޑޮކްޓަރ ބޭނުންވާ ސިކުނޑީގެ ސްކޭންތައް ހެދުމުގެ ހިދުމަތް ދެވެން ފަށާނެ."
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެކްޓިން ސީ އީ އޯ ޑރ.މުޙައްމަދު ވަޙީދު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިދުގެ ޓެސްޓުތައް ހެދުމުގެ ޚިދުމަތް މާދަމާ ފަށާއިރު މި ހަފްތާގައި އެ ހޮސްޕިޓަލުގައި ވަނީ ފުރަތަމަ ފަހަރަށް ކަކުލު ހުޅުގެ އޮޕަރޭޝަންތަކެއްވެސް ކޮށްފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންދޭ ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތް ކުރަމުްދާއިރު، އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރެއް ޤާއިމްކޮށް، މިހާރުވެސް ބައެއް އޮޕަރޭޝަންތައްވެސް އެ ހޮސްޕިޓަލުގައި ކުރަމުންދެއެވެ.