ވިޔަފާރި

މޯބައިލް ވަރލްޑް ކޮންގްރެސްގައި އުރީދޫގެ ތަފާތު 2 ޙިދުމަތެއް ދައްކާލައިފި


ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޯބައިލް ވަރލްޑް ކޮންގްރެސްގައި އުރީދޫގެ 2 ޙިދުމަތެއް ދައްކާލައިފިއެވެ.

އުރީދޫއިން ދައްކާލާފައިވަނީ އެ ކުންފުނީގެ އައު ޑިޖިޓަލް ޚިދުމަތް ކަމަށްވާ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޑިޖިޓަލް އެސިސްޓަންޓު "އެވީ" އެވެ. މި ދެ ޙިދުމަތަކީވެސް އުރީދޫގެ ކަސްޓަމަރުންގެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ 2 ޙިދުމަތްކަމަށް އުރީދޫން ބުނެއެވެ.

މި ދެ ޙިދުމަތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑިންގ ހުސައިން ނިޔާޒް ވިދާޅުވީ، "މޫލީ" އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެއްކަމަށެވެ. މީގެތެރޭގައި، ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދި ގަންނަ ކޮންމެ މުދަލެއް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ހިމެނެއެވެ. މޫލީ މެދުވެރިކޮށް ފުރަތަމަ ފޯރުކޮށްދޭނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި، ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތައްކަމަށް އުރީދޫން ބުނެއެވެ. ނަމަވެސް ކުރިއަތް އޮތް ދުވަސްތަކުގައި މި ޕެލްޓްފޯމް މެދުވެރިކޮށް އެހެން ޙިދުމަތަތައް ފޯރުކޮށްދޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫއިން ތަޢާރަފްކުރި "އެވީ" އަކީ ޑިޖިޓަލް ކެއާ އެސިސްޓަންޓެކެވެ. ކަސްޓަމަރ ކެއަރ އަށް ގުޅާލުމުގެ ބަދަލުގައި "އެވީ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުލިބިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ. "އެވީ"ގެ އެހީތެރިކަން، ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖަރ، ޓްވިޓަރ، ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސް ވަނީ ނިމިގެންދިޔަ އަހަރުތެރޭގައިވެސް ބާސަލޯނާގައި ކުރިއަށްދިޔަ މޮބައިލް ވަރލްޑް ކޮންގްރެސްގައި ބައިވެރިވެ، މަގޭ ޕްލޭން އަދި އެކުންފުނީގެ މަގުބޫލު އުރީދޫ ނެކްޓް ޕްލެޓްފޯމް ފަދަ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފައެވެ.