ޚަބަރު

މިރޭގެ މެޗަށް މެސީ ހުރީ ފިޓްކޮށް - ވަލްވާޑޭ


ފަސްވަނަ ފަހަރަށް ކޮޕަޑެލްރޭގެ ތަށި އުފުލާލުމުގެ އުންމީދުގައި ނުކުންނަ ބާސެލޯނާގެ ޓީމާއެކު، ރަނގަޅު ފޯމެއްގައި ހުރި ލިއޮނެލް މެސީ، ކޮޕަޑެލްރޭގެ ސެމީފައިނަލްގައި ކުޅޭ ކްލެސިކޯ މެޗަށް ފުރިހަމައަށް ފިޓުވެފައިވާކަމަށް ކޯޗު ވަލްވާޑޭ ބުނެފިއެވެ.

ކޮޕަޑެލްރޭ ސެމީގައިގައި ރެއާލްމެޑްރިޑާ ވާދަކުރާ މެޗްގެ ކުރިން މެސީ ވަނީ ހޮނިހިރު ދުވަހު ސެވިއްޔާއާ ވާދަކުރި މެޗްގައި އޭނާގެ ކެރިއަރުގެ 50ވަނަ ހެޓްރިކް ހަދާފައެވެ.

ބާސެލޯނާގެ ކެޕްޓަން ވަނީ މި ސީޒަންގައި ކުޅުނު 33 މެޗުން 32 ގޯލް ކާމިޔާބުކޮށްފައެވެ. ރެއާލްއާ ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗް ވެގެންދާނީ ލުއިސް އެންރީކޭގެ އަށްފަހު 2017 ވަނަ އަހަރު ޓީމާ ހަވާލުވި ކޯޗް އާނެސްޓޯ ވަލްވާޑޭގެ ސަތޭކަ ވަނަ މެޗަށެވެ.

ކޮޕަޑެލްރޭއަކީ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކާމިޔާބުކުރާ ހަތަރުވަނަ މުބާރާތަށް ވުން ގާތެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ބާސެލޯނާއާއި ރެއާލް ކުޅުނު މެޗް ވަނީ އެއްވަރުވެފައެވެ. މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ވާދަކުރާނީ ވެލެންސިއާ ނުވަތަ ރެއާލްބެޓިސްއާއެވެ.