ވިޔަފާރި

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް އަރަނި 1.4 ބިލިއަން ރުފިޔާގައި


ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ، ވަރަށް ބޮޑުތަން އިތުރުވެ، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް އަރަނި 1.4 ބިލިއަން ރުފިޔާށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ޙަރަދުތަކާއި ލިބުނު އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. ޓެކްސްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ ބީޕީޓީ، އާއްމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީންނެވެ.
މި މުއްދަތުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 612.7 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ދައުލަތުންވަނީ، 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މި މުއްދަތުގެ ދައުލަތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށެވެ. އެގޮތުން ސަރުކާރު މުއައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 836.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އިދާރީ މަސައްކަތަކާއި އޮފީސްތައް ހިންގުމަށް 704.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި މުއްދަތުގައި ދައުލަތުން ކޮށްފައިވާ ޙަރަދު ލިބުނު އާމްދަނީއަށްވުރެ ދަށްވުމުން 1.4 ބިލިއަން ރުފިޔާ ވަނީ އަރަނި ވެފައެވެ.