ވިޔަފާރި

ކުއޯނީގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤުބޫލް މަންޒިލްގެ މަޤާމު ޖެހިޖެހިގެން 16ވަނަ ފަހަރަށް ރާއްޖެއަށް


ޔޫރަޕްގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރ ކުއޯނީގެ، ކަސްޓަމަރުންގެ މެދުގައި އެންމެ މަޤުބޫލް މަންޒިލްގެ މަޤާމު ޖެހިޖެހިގެން ސޯޅަވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

ކުއޯނީން އިގިރޭސިވިލާތުގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އެޤައުމުގެ ފަތުރުވެރިންގެ މެދުގައި ދެވަނައަށް އެންމެ މަޤްބޫލް މަންޒިލަކީ ސްރީލަންކާ އަދި ތިންވަނައަށް ހޮވިފައިވަނީ،
ތައިލޭންޑެވެ.

ކުއޯނީގެ ރިޕޯޓުގައިވާގޮތުން ދުރު މަންޒިލްތަކަށް ޗުއްޓީއަށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުންވާއިރު، ރާއްޖެފަދަ މަންޒިލްތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުކަމަށް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މިއަހަރުތެރޭ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއާއިއެކު ހެޔޮ އަގެއްގައި މަތީފަންތީގެ ޙިދުމަތްތައް ލިބޭނެ ރިސޯޓްތައް ރާއްޖެއިން ފެނިގެންދާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުން 114،988 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ %7.7 އެވެ.