ވިޔަފާރި

ވީއައިއޭގެ ފްލައިޓު އޮޕަރޭޝަންތައް ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


މިދިޔަ އަދިއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފްލައިޓު އޮޕަރޭޝަންތައް ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން މައުލޫމާތުދޭގޮތުން މިމަހުގެ 24 ވަނަ ދުވަހު އެއަރޕޯޓަށް ޖެއްސި އަދި ފުރި މަތިންދާބޯޓުގެ އަދަދު ވަނީ މީގެކުރިން ދުވާލެއްގެ މައްޗަށް އިތުރު ނުވާވަރަށް އިތުރުވެފައެވެ. މިގޮތުން އެދުވަހު އެއަރޕޯޓަށް ޖެއްސި މަތިންދާބޯޓާއި ފުރި ބޯޓުގެ ޖުމްލަ އަދަދު 219 އަށް އަރާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މީގެކުރިން ވީއައިއޭއަށް ދުވާލެއްގެ މައްޗަށް އެންމެގިނައިން މަތިންދާބޯޓް ޖެއްސި އަދި ފުރިކަމަށް ރެކޯޑް ކުރެވިފައިވާ އަދަދަކީ 214 އެވެ. އެއީ މިއަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުއެވެ.

އާދީއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި އެއަރޕޯޓުން ފުރި ފްލައިޓްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ 93 ފްލައިޓް، ޑޮމެސްޓިކް 111 ފްލައިޓްގެ އިތުރުން 15 އަށްވުރެ ގިނަ ޗާޓަރ ފްލައިޓު ހިމެނެއެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް އެ އެއަރޕޯޓުންދޭ ޙިދުމަތްތައް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއްބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢުގެ ދަށުން، އާ ރަންވޭއެއް ހެދުމާއި، އިންޓަރނޭޝަނަލް ޓާމިނަލަކާއި، އާ ސީޕްލޭން ޓާމިނަލެއްގެ އިތުރުން، ފިއުލް ފާމަކާއި، ކާގޯ ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގބެ އިތުރުން އެއަރޕޯޓަށް ޖައްސާ އެއަރ ކްރާފްޓްތަކަށް ފަސޭހަކަމާއެކު ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެއަރޕޯޓުގެ ޕާކިން ސްޕޭސް އިތުރުކުރުންވެސް ހިމެނެއެވެ.