ޚަބަރު

އަސަދާއި ޚާމެނާއީ އީރާނުގައި ބައްދަލުކުރެއްވުން


2011 ވަނަ އަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް، އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދު ރަސްމީ ދަތުރެއްގައި އީރާނަށް ވަޑައިގެންފިއެވެ.

އަސަދު އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޚާމެނާއީއާ ބައްދަލުކުރައްވާފައެވެ.

ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ވަނީ، ދެ ޤައުމުގެ މަސްލަހަތު އޮންނަ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ޚާމަނާޢީ ވިދާޅުވީ، ސޫރިޔާގައި އެގައުމާ އީރާނުގެ ސަލާމަތީ ބާރުތަކުން ހޯދާފައިވާ އަސްކަރީ ކާމިޔާބީތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި ސަރަހައްދުގައި އެމެރިކާއިން އަޅަން އުޅުނު ފިޔަވަޅުތައް ނާކާމިޔާބުކޮށްލެވިފައިވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސޫރިޔާގެ ރައީސް ވިދާޅުވީ، ހުޅަނގުގެ ބާރުތަކުން ސޫރިޔާގެ މަސްރަހަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި ނަމަވެސް އީރާނާއި ސޫރިޔާގެ މަސްލަހަތުގެ ދިފާޢުގައި އެ ޤައުމުތަކުން އަބަދުވެސް ތެދުވާނެކަމަށެވެ. މިއީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި ފަހުން ރަޝިޔާ ނޫން ޤައުމަކަށް އަސަދު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.