ޚަބަރު

އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އަށް ވިއެޓްނާމުން ހޫނު މަރުޙަބާއެއް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވިއެޓްނާމަށް ވަޑައިގެންފިއެވެ. ކިމް ވިއެޓްނާމް އަށް ވަޑައިގެންފައިވަނީ ޗައިނާ މަގުން، ރޭލުގައެވެ.

ކިމް ވިއެޓްނާމަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެ މަނިކުފާނުގެ އިސްތިޤުބާލުގައި ރޭލު ސްޓޭޝަނުގައި ތިއްބެވީ ވިއެޓްނާމްގެ ސަރުކާރުގެ އިސްވެރިންނެވެ. އެ ސްޓޭޝަނުގައި ވަނީ ކިމް އަށް ޝަރަފުގެ ސަލާމެއްވެސް އަރުވާފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވިއެޓްނާމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ސެންޑަރސް ވިދާޅުވީ، ދެ ޤައުމުގެ އިސްވެރިން ބުދަ ދުވަހު ބައްދަލުކުރައްވާނެކަމަށެވެ.

އަދި އެއަށްފަހު ދެ ބޭފުޅުން ރޭގަނޑުގެ ފަރިކޮޅެއްގައި ބައިވެރިވަޑައިގަންނަވާނެކަމަށާއި، ދެ ބޭފުޅުން އަލުން ބުރާސްފަތި ދުވަހު ބައްދަލުކުރައްވާނެ ކަމަށްވެސް ސެންޑަރސް ވިދާޅުވިއެވެ. އެމެރިކާގެ ވައިޓްހައުސްއިން ބުނެފައިވަނީ ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ކުރައްވާނީ އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމާ ބެހޭގޮތުން ކަމަށެވެ.

އަދި މިކަމުގައި އުތުރު ކޮރެއާއިން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވައިޓްހައުސްއިން ވަނީ ބުނެފައެވެ. ދެކުނު ކޮރެއާއިން ބުނެފައިވަނީ ދެ ޤައުމުގެ އިސްވެރިންގެ ސަމިޓުގައި، ކޮރެއާ ހަނގުރާމަ ރަސްމީކޮށް ނިންމުމާ ބެހޭގޮތުން މަޝްވަރާކުރައްވާ މިކަމުގައި ގޮތެއް ނިންމަވާނެކަމަށް ބެލެވޭކަމަށެވެ.