ޚަބަރު

ފާރަގެމާއަށް މަސްތުވާތަކެއްޗާއި ވަގުފައިސާ އަދި ގޮވާތަކެތި ހޯދޭނެ


ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހޯދުމުގެ އިތުރުން ގޮވާތަކެއްޗާއި، ވަގު ފައިސާ ޑޯގް ސްކޮޑްގެ އެހީގައި ހޯދޭނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ގާއިމްކޮށްފައިވާ ކުއްތާ ކޮށި، ނުވަތަ ޑޯގް ކެނަލްގެ މަރާމާތުތައް ނިންމުމަށްފަހު، އެއަރޕޯޓްސް ކޮމްޕެނީން މިއަދު ވަނީ އެތަން ހޯމް މިނިސްޓްރީއާއި ހަވާލުކޮށްފައެވެ.ޑޯގް ކެނަލްގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ކުއްތާތައް މައިގަނޑުގޮތެއްގައި ހަރަކާތްތެރިވާނީ ތިން ދާއިރާއަކުން ކަމަށާއި، މަސްތުވާތަކެތި ހޯދުމުގެ އިތުރުން، ގޮވާތަކެތި ހޯދުމާއި، ވަގު ފައިސާ ހޯދުމުގެ ގާބިލްކަންވެސް ކުއްތާތަކަށް ދެވިގެންދާނެ ކަމަށެވެ. އަދިމީގެ ކުރިންވެސް ރާއްޖެއަށް ކުއްތާ ގެނެސް މަސްތުވާތަކެތި ހޯދުމަށް އޮޕަރޭޝަންތައް ހިންގުނު ކަމަށާއި، އެފަހަރު އެކަންކަން ތަންފީޒުވެގެން ނުދިޔަ ސަބަބު ދެނެގަނެ މިފަހަރު ކުއްތާތައް ބެލެހެއްޓުން ކުރިއަށްގެންދިއުމަށް ފުރިހަމައަށް ހޯމް މިނިސްޓްރީއާއި ފުލުހުން ތައްޔާރުވެފައިވާ ކަމަށެވެ.މިމަސައްކަތަށް ސޯޅަ ކުއްތާ ރާއްޖެ ގެންނައުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ގެންނަ ކުއްތާތައް މި މަހުގެ ތޭވީހުގައި ރާއްޖެ ގެނެވޭނެއެވެ.ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ކުއްތާތައް ރާއްޖެ ގެންނަ ދުވަހުން ފެށިގެންވެސް އޮޕަރޭޝަނަށް ނެރެވޭނެކަމަށެވެ.ހޯމް މިނިސްޓަރ އުމަރު ނަސީރުވަނީ ޑޯގް ކެނަލްގައި ހިމެނޭ ކުއްތާތަކަށް ހާއްސަ ކުރެވިފައިވާ ކޮށިތައް ބައްލަވާލައްވާ، ކުއްތާ ގެންގުޅެންވީ ގޮތާބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި "ޑޯގް ކެނަލްގެ އެހާރާއި މިހާރު" މި ނަމުގައި ހާއްސަ ފޮތެއް ނެރެދެއްވުމުގެ އިތުރުން، ޑޯގް ކެނަލްގެ ތަޅުދަނޑި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް އަރުވާފައެވެ.ދެހާހުގެ ކުރީކޮޅުވެސް މި ކެނަލް ބޭނުންކޮށްފައިވާއިރު، މިތަން މަރާމާތުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޚަރަދުގައެވެ.