ޢާންމު ޚިދުމަތްތައް ދިނުމަށްޓަކައި ހިނގާ ޚަރަދަށްވުރެ މަދުނުވާނެ ޢާމްދަނީއެއް ކައުންސިލްތަކަށް ލިބޭނެގޮތަށް ލާމަރުކަޒީ ނިޒާމް އިޞްލާޙުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ލާމަރުކަޒީ ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠަބުގައެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި ދައުލަތް ހިންގުމުގެ އުސޫލުތަކަށް އައިސްފައިހުރި ބަދަލުތަކާއި ސިޔާސީގޮތުން ނިންމާފައިހުރި ނިންމުންތަކުގެ ސަބަބުން މުޅިރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައިސަރުކާރަށް ޖަމާކޮށްފައިވާކަމަށެވެ. އޭނެ ނަތީޖާއަކީ ހުރިހާ ޚިދުމަތްތަކެއް މާލެ ސަރަޙައްދަށް ޖަމާވެ އެޚިދުމަތްތަކުގެ ފަހަތުން ރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅައެއްބައި މާލެ ސަރަޙައްދަށް ހިޖުރަކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެސަބަބުން ރަށްތަކުގެ ކުރިއެރުމާއި ތަރައްޤީ މަޑުޖެހި ރަށްތައް ފަޅުވާން ފަށާފައިވާކަމަށާ މާލޭގެ ބިމުގެޖާގައާއި ޤާއިމުކުރެވިފައިހުރި ވަސީލަތްތަކަށް ނުތަތާވަރުގެ އާބާދީއެއް އޮތުމުގެ ސަބަބުން މާލޭގެ ދިރިއުޅުމަކީ މާބޮޑު ވޭނަކަށްވެގެން ގޮސްފައި ވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފެހި ޤާނޫނުއަސާސީއާއެކު ރާއްޖެއަށް ގެނައި މުހިންމު އެއްބަދަލަކީ ލާމަރުކަޒީ އުސޫލަށް ރާއްޖޭގެ ހިނގުން އަލުން އަނބުރާ އިޔާދަކުރުންކަމަށެވެ. އޭގެ ބޭނުމަކީ ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލަޔަށް ނިންމުމުގެ ބާރު ދިނުންކަމަށެވެ. އެހެންނަމަވެސް ލާމަރުކަޒީ ޤާނޫނުގައި ހުރި ބައެއް އުނިކަންކަމާއި، ޤާނޫނުތަކުގައި ހުރި ބައެއް ފުށުއެރުންތަކާއި އުސޫލީކަންކަމުގައި އުފެދިފައިހުރި ދެބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކަންކަން ލާމަރުކަޒު ކުރެވިފައި ނެތްކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިގެން އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާން ނިންމި މުހިންމު އެއްކަމަކީ ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށް، ޤާނޫނުއަސާސީ ކުރަހައިދޭ ތަސައްވުރާ އެއް މިންވަރަކަށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުސޫލުން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ހޯމްމިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއަށް މެދުވެރިވެފައިހުރި އިޖުތިމާއީ، އިޤުތިސާދީ، ސިޔާސީ މައްސަލަތައް ޙައްލުކުރުމަށް އަޅަންޖެހޭ މުހިންމު އެއްފިޔަވަޅަކީ ޙަޤީޤީ މާނާގައި ރާއްޖޭގެ ހިންގުން ލާމަރުކަޒު ކުރުންކަމަށް ތަކުރާރުކުރެއްވިއެވެ. ރައްޔިތުންގެ ކަންކަން އަމިއްލަޔަށް ނިންމުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމާއެކު، ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނު އަލުން އިސްލާޙުވެގެން އަންނައިރު މައިސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ޚަރަދާއި އާންމު ޚިދުމަތްތައް ދިނުމަށްޓަކައި ހިނގާ ޚަރަދަށްވުރެ މަދު ނުވާނެ ޢާމްދަނީއެއް ލިބޭނެގޮތެއް ސާފުކޮށް ފެންނާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
"މުޅި ރައްޖޭގެ ޤުދުރަތީ މުއްސަނދިކަން ނެތިގެންނުދާނެހެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި ޤުދުރަތީ މުއްސަނދިކަމުގެ މަންފާ އެންމެނަށް އިންސާފުވެރި އުސޫލަކުން ބެހިގެން ދިއުމަށްޓަކައި، ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިޤްތިސާދީ ބޭނުމަށް ދޫކޮށްލެވޭ ހިނދު އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ޚިޔާލު ހޯދިގެން ރައްޔިތުންނަށް އޭގެ މަންފާކުރާނެހެން އެކަންކުރެވޭނެ ގޮތެއް ހޯދުމަކީވެސް ކުރާންޖެހިފައި އޮތް މުހިންމު މަސައްކަތެއް." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ މުސްތަޤުބަލަށްޓަކައި އަޅަންޖެހޭ މުހިންމު އެއްފިޔަވަޅަކީ ހިފެހެއްޓިފައިހުރި ރައްޔިތުންގެ ބާރުތައް އަލުން އަނބުރާ ރައްޔިތުންނަށް އިޢާދަކޮށްދިނުންކަން ފާހަގކުރައްވައި ޤާނޫނާ ޚިލާފަށް ލޯކަލް ކައުންސިލްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖަޢާކޮށް އެކަންކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާކަމަށްވެސް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.