ވިޔަފާރި

ބިޒްނަސް ކޮންވެންޝަނުގައި ވިޔަފާރިވެރިންގެ ޙިޔާލު ހުށައެޅުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ - މިނިސްޓަރ ފައްޔާޞު


ބިޒްނަސް ކޮންވެންޝަންގެ ތެރެއިން ވިޔަފާރިވެރިންނަށް އެމީހުންގެ ޙިޔާލު ހުށައެޅުމުގައި ފުރިހަމަ މިނިވަންކަން ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާ ގޮތައް ބާއްވާ ބިޒްނަސް ކޮންވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވީ މިއީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް ސަރުކާރުން ބޭނުންވާކަމަށެވެ. އެހެންކަމުން މި ކޮންވެންޝަންގެ ތެރެއިން ވިޔަފާރިވެރިންނަށް އެމީހުންގެ ކަންބޮޑުވުން ޙިއްސާކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދާނެކަމަށެވެ. ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ފައްޔާޞު ވިދާޅުވީ، މި ކޮންވެންޝަންގެ މައިގަނޑު މަޤްސަދަކީވެސް މިފަދަ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކޮށް އެކަންކަމަށް އެދެވޭ ހައްލެއް ހޯދައިދިނުންކަމަށެވެ.

މިނިސްޓަރ ފައްޔާޞު ވިދާޅުވީ، އުންމީދުކުރިވަރަށްވުރެ ކޮންވެންޝަންގައި ބައިވެރިވި ވިޔަފާރިވެރިންގެ އަދަދު މަދުކަމަށެވެ. ނަމަވެސް ކުރިއަށްއޮތް ތަނުގައި މިފަދަ ހަރަކާތްތަކަށް ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ކޮންވެންޝަންގެ އެންމެ މުހިންމު ބޭނުމަކަށް އަޅުގަނޑު ދެކެނީ މިވާހަކަތައް (ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް) ލިޔުމަށް ނެގި އެއީ ވިޔަފާރިވެރިންނާއި އަދި ސަރުކާރަށް ގުޅިގެން ނެރެވޭ ޕޭޕަރަކަށް ހެދި، އެއީ އެއް މިސްރާބަކަށް ހަދައި އެކަންކަން ޙާސިލްކުރުމަށް ކުރެވޭ ކަމެއްކަމަށްވުން. މި މާހައުލުގައި ތިބޭފުޅުން ވާހަކަދެއްކުމުގައި ފުރިހަމަ މިނިވަންކަމާއި އެކުގައި ވާހަކަދެއްވުމުގެ މިނިވަންކަން އޮންނާނެކަން ދަންނަވަން." މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވިއެވެ.

މި ކޮންވެންޝަންގެ ތެރެއިން އެކި މައުޟޫތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އަދި މީގެއިތުރުން "ނޮލެޖް ހަބް" ގެ ނަމުގައި ރާއްޖޭގައި ޙިދުމަތްދޭ އެކިއެކި ކުންފުނިތަކުން އެމީހުންގެ ޙިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއަދާއި މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ ބިޒްނަސް ކޮންވެންޝަންގައި ޖުމްލަ 150 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން ބިޒްނަސް ސެންޓަރުތައް ހުރި ރަށްތަކުން ޕްރެޒެންޓޭޝަން އަދި ޑިސްކަޝަންތައް ކުރިއަށްދާ ވަގުތު ވަރޗުއަލްކޮށް މި ކޮންވެންޝަންގައި ބައިވެރިވާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ "ބިޒްނަސް ކޮންވެންޝަން" އަށް ޚިޔާލު ފާޅުކުރުމަށް، އެކި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކަރުދާސް ހުށައެޅުމަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމާއި، އަންހެން ވިޔަފާރިވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އިތުރުން މަސައްކަތްތެރިންނާއި އިޤްތިޞާދު، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.