ވިޔަފާރި

ޔޫ އެންޑް މީ ބައި ކޮކޫން" އަންނަމަހު ހުޅުވަނީ


މޫދު އަޑީގެ ރެސްޓޯރެންޓަކާއި އެކު ރ. އަތޮޅުގައި ތަރައްޤީކޮށްފައިވާ " ޔޫ އެންޑް މީ ބައި ކޮކޫން" ރިސޯޓް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ރ.އަތޮޅު އުތުރުމާފަރުގައި ތަރައްޤީކޮށްފައިވާ "ޔޫ އެންޑް މީ ބައި ކޮކޫން" ރިޒޯޓުގައި 109 ކޮޓަރި ހިމެނޭއިރު، އޭގެތެރެއިން 99 ކޮޓަރިއަކީ މޫދު ކޮޓަރިއެވެ. އަދި ބާކީ 10 ކޮޓަރިއަކީ ބީޗުވިލާއެވެ.

މި ރިސޯޓުގައި ހުންނަ އެޗްޓޫއޯގެ ނަން ދީފައިވާ މޫދު އަޑީގެ ރެސްޓޯރެންޓް ވެގެންދާނީ ރ. އަތޮޅުގައި ހުޅުވާ ފުރަތަމަ އެފަދަ ރެސްޓޯރެންޓަށެވެ. އަދި ރާއްޖޭގައި ހުޅުވާ 6 ވަނަ މޫދުއަޑީގެ ރެސްޓޯރަންޓަށެވެ.

މޫދު އަޑީގެ ރެސްޓޯރެންޓުގެ އިތުރުން ޔޫ އެންޑު މީ ބައި ކޮކޫން ރިސޯޓުގައި ހަތަރު ރެސްޓޯރެންޓެއް ހުރެއެވެ. އަދި ޕޫލްތަކާއި ސްޕާގެ ޙިދުމަތްވެސް ލިބެން ހުރެއެވެ.

ކޮކޫން އިންވެސްޓްމަންޓުން ހުޅުވާ މި ރިސޯޓަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. އެގޮތުން ކޮކޫން އިންވެސްޓްމަންޓުން މިހާރުވެސް އަންނަނީ، ޅ.އަތޮޅު އޫކޮޅުފުށީގައި ކޮކޫން މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.