ވިޔަފާރި

ޕޫނޭ އާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމަށް 'އިންޑިގޯ އެއަރލައިނުން' ނިންމައިފި


އިންޑިއާގެ ޕޫނޭ އާއި ދިވެހިރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފެށުމަށް 'އިންޑިގޯ އެއަރލައިނުން' ނިންމައިފިއެވެ.

ބަޖެޓު އެއަރލައިނެއް ކަމަށްވާ އިންޑިގޯ އާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުގައިވާ ގޮތުން އެ އެއަރލައިނުން އަންނަ މާރޗްމަހުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޕޫނޭއިން ފުރައިގެން އިންޑިއާގެ ބެންގަލޫރުގައި ޓްރާންސިޓްކުރުމަށްފަހު ސީދާ ރާއްޖެއަށް ކަމަށް އިންޑިގޯއިން ބުނެއެވެ. އިންޑިގޯއިން ޕޫނޭ އާއި ރާއްޖެއާއި ދެމެދު ފަށާ ދަތުރުތައް ވެގެންދާނީ، ޕުނޭއިން ބައިނަލްއަޤުވާމީ މަންޒިލަކަށް ކުރާ ފުރަތަމަ ދަތުރަށެވެ.

އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ހެޑްއޮފީސް ހުންނަ އިންޑިގޯ އެއަރލައިނަކީ ފަސިންޖަރުން އެއަރލައިންގައި ދަތުރުކުރާ އަދަދާއި، ފްލީޓުގައި ހިމެނޭ މަތިންދާ ބޯޓުގެ އަދަދަށް ބަލާނަމަ އިންޑިއާގެ އެންމެ ބޮޑު އެއަރލައިނެވެ. އޭޝިއާގައިވެސް ހަތްވަނައަށް އެންމެ ބޮޑު އެއަރލައިން ކަމަށްވާ އިންޑިގޯއިން 2007 ވަނަ އަހަރު 46 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ޕޫނޭ ސިޓީއަކީ އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ. އިންޑިގޯއިން މި ފަށާ ދަތުރުތަކާއި އެކު އެ ސިޓީއިން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ލުއި ފަސޭހަކޮށް ރާއްޖެއަށް އާދެވޭނެ ކަމަށް އެއަރލައިނުން ދެކެއެވެ.

އަހަރުން އަހަރަށް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ އިރު، އެޤައުމުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިވާ އެއަރލައިންތަކުގެ އަދަދުވެސް އަންނީ އިތުރުވަމުންނެވެ. އެގޮތުން ހުސްވި އަހަރުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީއާއި ރާއްޖެއާއި ދެމެދު ގޯ އެއަރގެ ދަތުރުތައްވެސް ވަނީ ފަށާފައެވެ.