ސިޔާސީ

ރިޔާސަތަށް ހުރަސްއަޅާ މެންބަރުންގެ ކޮމިޓީ އެލަވަންސް ކަނޑާލަނީ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖުކޮށް، ރިޔާސަތަށް ހުރަސްއަޅާ މެންބަރުންގެ ކޮމިޓީ އެލަވަންސް ކެނޑޭގޮތަށް ގަވާއިދު އިސްލާހު ކުރަން އާންމު ކޮމިޓީން ފާސްކޮށްފިއެވެ.މިއިސްލާހު ފާސްވެފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.މިއިސްލާހު ފާސް ކުރަން ޕީޕީއެމް، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓު ދެއްވިނަމަވެސް އިދިކޮޅު އެމްޑީޕީން ބައިވެރިވެފައެއްނުވެއެވެ.މަޖިލީހުގެ އާންމު ކޮމިޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކޮށް ރިޔާސަތަށާއި، އިދާރީ މޭޒަށް ހުރަސްއަޅާ މެމްބަރުންގެ އެލަވަންސްތައް ކަނޑާލުމުގެ އިތުރަށް އެފަރާތްތަކަށް ތިންމަސްދުވަސް ވަންދެން މަޖިލީހުގެ އެއްވެސް ދަތުރެއްގައިވެސް ބައިވެރިނުވެވޭގޮތަށް ފާސްކޮށްފައިވާކަމަށެވެ. ކޮމިޓީން ފާސްކުރި މިއިސްލާހުގައި ވާގޮތުން، ފުރަތަމަ އެފަދަ މައްސަލައެއް ހުށަހެޅި ސުލޫކީ ކޮމިޓީއަށް ސާބިތުވެއްޖެނަމަ އެމެންބަރަކާއި މެދު އަޅާނެ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮމިޓީގެ ހާޒިރީން 50 އިންސައްތަ އުނިކުރުމެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހު މަޖިލީހުގެ ދަތުރުތަކުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ވިހިހާސް ރުފިޔާ ލިބިވަޑައިގަންނަވައެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިފަހުން މަޖިލީހުގެ އަށް ޖަލްސާ ބާއްވާފައިވާއިރު، ހުރިހާ ޖަލްސާއެއްގައިވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންވަނީ އިހްތިޖާޖްކޮށް ރިޔާސަތަށް ހުރަސްއެޅުމުގެ ގޮތުން ތާޅަފިއްޔާއި، ދުންމާރި ފުމެހަދާފައެވެ. އެގޮތުން މިއަދުގެ ޖަލްސާގައިވެސް މެމްބަރުންގެ މޭޒުކޮޅުމައްޗަށް ބައެއް މެމްބަރުން އަރަ ރައީސް ނަޝީދު ދޫކޮށްލުަމށް ވަނީ އަޑުއުފުލާފައެވެ.