ވިޔަފާރި

'މަސްވެރިޔާ ކާޑަށް' ގެމަނަފުށީ މަސްވެރިންގެ ބޮޑު ތަރުޙީބެއް!


ރާއްޖޭގައި މަސްވެރިން އެންމެ ގިނަ އެއް ރަށް ކަމަށްވާ ހުވަދު އަތޮޅު އުތުރު ބުރީ ގެމަނަފުށީ ހުރިހާ މަސްވެރިން ބީއެމްއެލްގެ މަސްވެރިޔާ ކާޑަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ، އެރަށުގައި މަހަށްދާ 11 ދޯންޏެއް އޮންނަ އިރު، އެ ދޯނިތަކުގެ ހުރިހާ މަސްވެރިން ބީއެމްއެލްގެ މަސްވެރިޔާ ކާޑަށް އެދި މިހާރު ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
ޝިޔާން ވިދާޅުވީ އާއްމުކޮށް ކޮންމެ މަސް ދޯންޏެއްގައިވެސް 18 ނުވަތަ 25 އާއި ދެމެދުގެ އަދަދަކަށް މަސްވެރިން އުޅޭއިރު ބައެއް މަސްދޯނިތަކުގައި 35 ގާތްކުރާ އަދަދަކަށް މަސްވެރިންވެސް މަސައްކަތްކުރާ ކަމަށެވެ.

ޝިޔާން ފާހަގަކުރިގޮތުގައި މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓްގެ ޙިދުމަތަށް އެރަށުގެ މަސްވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަައެވެ. ފޯމް ހުށަހަޅާފައިވާ މަސްވެރިންނަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްވެރިޔާ ކާޑު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެފައިވާ ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފައި ހުސްވި ހަފްތާތެރޭ ކޫއްޑޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އަލަށް ތައާރަފްކޮށްފައިވާ މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއިއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާއި ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގޭނެއެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަށްކުރެވިގެންދާނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެއެވެ. އަދި އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖެއިން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.