ކުޅިވަރު

ކުޅިވަރު ޗެނަލެއް އުފައްދަން އެމްބީސީއަށް ލާޒިމްކުރާ ބިލެއް


ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރގެ ހައިސިއްޔަތުން އެމްބީސީއަށް ކުޅިވަރު ޗެނަލެއް އުފައްދަން ޖެހޭގޮތަށް ލާޒިމްކޮށްފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.މިބިލް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގްއެވެ.ޠާރިގް ހުށައަޅުއްވާފައިވާ އެބިލްގައިވާގޮތުން، އެބިލް ފާސްވެ ގާނޫނަކަށް ބަދަލުވާ ހިސާބުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކުޅިވަރުތައް ޕްރޮމޯޓުކޮށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ ނަމުގައި ޓީވީޗެނަލެއް ގާއިމްކުރަންޖެހޭނެއެވެ. އަދިއެކުޅިވަރު ޗެނަލް ގާއިމްކުރަންޖެހޭނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫނުގެ ދަށުންގާއިމްކޮށްފައިވާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓާގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.އެބިލް މަޖިލީހަށް ހުށައެޅުއްވި މެމްބަރު އަހްމަދު  ޠާރިގް ވިދާޅުވީ، މިބިލް ތައްޔާރުކޮށްފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ކުޅިވަރާއިބެހޭ ވުޒާރާއާއި، ބަންޑާރަ ނައިބުގެ ލަފާފުޅާއި އެކުގައިކަމަށެވެ.މިބިލްގައިވާގޮތުން  ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ސްޕޯޓްސްއެއް އައްޔަންކުރަންޖެހެއެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގެ ވާދަވެރިގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވާންޖެހޭނެއެވެ. އަދި ދިވެހިރާއްޖޭގައި ވާދަވެރިގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައި ހަރަކާތްތެރިވާ ފަރުދުންނާ ކުލަބު ޖަމިއްޔާތަކާއި އެތަންތަނުގެ މެމްބަރުންގެ ދަފްތަރަށް ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ކުޅިވަރާބެހޭ ގާނޫނުގެ ދަށުންހަދާ ގަވާއިދުގައިވާގޮތުގެ މަތީން ފިޔަވަޅުއެޅޭނެކަމަށްވެސް އެބިލްގައި ބުނެފައިވެއެވެ.