ޚަބަރު

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ވަކިކުރުމަށް ހުށަހަޅައިފި


މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރުގެ މަގާމުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަކި ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރައްވާފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކޮށްދިނުމަށް އެދިފައި ވަނިކޮށް މިއަދު އެ ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ހައްޔަރުކުރައްވާފައި ވަނީ ޤާނޫނީ އިމުން ބޭރުންކަން ހާމަކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެއީ އެ ކޮމިޓީން ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަމަށެވެ.

"މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދުވަނީ ޖަލްސާއެއް ބާއްވާފައި. އެއާއެކު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ރޮޒެއިނާ އާދަމް ވަނީ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައި." ޢަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ހައްޔަރުކޮށްފައި ވަނީ އިންސާފުން ބޭރުންކަމަށާ އަދި ސިޔާސީ މަޤުސަދެއް ޙާސިލްކުރުމަށް ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެކަމަށް ބުނުމާގުޅިގެން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަމުން ރޮޒައިނާ ވަކިކުރަން ހުށަހަޅާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެކޮމިޓީގައި ހިމެނޭ މެމްބަރުން އެކުވެގެންވާނީ މުޤައްރިރުކަމުން ރޮޒައިނާ ވަކި ކުރަން ހުށަހަޅައިފައި." ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެބޭފުޅުން ހުރިހައިކަމެއްވެސް ކުރައްވަނީ ކުރިން ނުކުރައްވާނެކަމަށް ވިދާޅުވެ އަޑުއުފުއްލެވި ކަންކަމާއި ދިމާ އިދިކޮޅަށްކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރަކީ އަނިޔާވެރިކަން އިސްކޮށްގެން ކަންކަންކުރި ސަރުކާރެއްކަމަށް ވިދާޅުވި ބޭފުޅުންގެ ފަރާތްޕުޅުން އަނިޔާވެރިކަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ކަމުން ރޮޒައިނާ އާދަމް ވަކި ކުރެއްވުމުގެ އިތުރުން ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ޕްރޮގްރެސިވް ކޯލިޝަނުންވަނީ މަޖިލީހަށް ހުށަހަޅާފައެވެ.