ޚަބަރު

"ގޮށްރާޅު"ގެ ވަދާޢީ ޝޯ ތަކުގެ ޓިކެޓް ވިއްކަން ފަށައިފި


ޑާރކްރެއިން އެންޓަޓައިމަންޓްގެ މިއަހަރުގެ ފުރަތަމަ ފިލްމް "ގޮށްރާޅު"ގެ ވަދާޢީ ދެ ޝޯގެ ޓިކެޓްތައް ވިއްކަން މިހާރުވަނީ ފަށާފައެވެ. މިމަހުގެ ހަތަރުވަނަ ދުވަހު ގޮށްރާޅު ޕްރިމިއާ ކޮށްފައިވާއިރު މިފިލްމަށް ގިނަ ބައެއްގެ ތަރްޙީބު އަންނަނީ ލިބެމުންނެވެ.

މިމަހު ހަތަރު ވަނަ ދުވަހު ގޮށްރާޅު ދައްކަން ފަށާފައިވާއިރު އެފިލްމަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފިލްމެކެވެ. މިފިލްމުގެ ވަދާއީ ދެ ޝޯއަށް ތައްޔާރީތައް މިހާރު ވަމުން އަންނައިރު އެދެޝޯގެ ޓިކެޓު މިހާރު ދަނީ ވިއްކަމުންނެވެ.

ފިލްމުގެ ފަހު ދެ ޝޯ މިމަހު 28އާއި އަންނަ މަހުގެ އެކެއްގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް ގޮށްރާޅުގެ 30ޝޯ ވަނީ ދައްކާފައެވެ.
އަދި މީގެ ތެރެއިން 21 ޝޯ ވަނީ ހައުސްފުލް ވެފައި ކަމަށް ޑާރކްރެއިން އެންޓަޓައިމަންޓް އިން ބުނެއެވެ.

ފިލްމްގެ ޝޯތައް ދައްކާފައިވަނީ ހަވީރު ހަތަރެއް އަދި ރޭގަނޑު ނުވައަކާއި އެގާރައިގައެވެ. މި ފިލްގެ ޝޯތައް އޮލިމްޕަހުގައި އަޅުވާފައިވާއިރު ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް ވަނީ ޝޯތައް އަޅުވާފައެވެ. އަދި މިފިލްމްގެ ޝޯ ތައް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަޅުވާފައެވެ.

ބޮޑު ތަރުހީބެއް ގޮއްރާޅަށް ލިބެމުން އަންނަ އިރު އެފިލްމަކީ ވަރަށް ތަފާތު އަދި ރީތި ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިގޮތުން ފިލްމީ ދާއިރާގައި މައްސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޢާއްމު ރައްޔިތުންވެސް ވަނީ މިފިލްމްގެ ފުރިހަމަކަމާއި ސްޓޯރީ އަދި ފަންނާނުންގެ އެކްޓިންއަށް ތާރީފްކޮށްފައެވެ.

މުޖުތަމައުގައި ދިމާވާ ޢާއްމު މައްސަލަތަކަށް ތައްޔާރުކޮށްފައިވާ އެކްޝަން ތްރިލާ ފިލްމް، ގޮއްރާޅަކީ މުއުމިން ފުއާދުގެ ސްކްރިޕްޓަކަށް އަޙްމަދު ޝިނާން ޑައިރެކްޓް ކޮށްފައިވާ ތްރިލާ ސަސްޕެންސް ފިލްމެކެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޑާރކްރެއިން އެންޓަޓައިމަންޓް ގެ ފިލްމްތައް މީގެ ކުރިންވެސް ޕްރޮޑިއުސްކޮށްފައިވާ މުޙައްމަދު އަލީ (މޮގާ)އެވެ. މިފިލްމްގެ ލީޑް ރޯލުން ފެނިގެންދަނީ ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުންއަންނަ ޒުވާން އެކްޓަރ މުޙައްމަދު ޖުމައްޔިލްއެވެ. މި ފިލްމްއިން ޒުވާން އާ މޫނުތަކެއް ފެނިގެންދާކަން ފާހގަކުރެވެއެވެ.

މީގެ ތެރޭގައި ޢާއިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، ޢަބްދުﷲ އަޒާން، ހަސަން އިރުފާން (ޒަކިއްޓެ)، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ ތަރިންގެ އެކްޓިން "ގޮށްރާޅު" އިން ފެނިގެންދެއެވެ.