ސިޔާސީ

ވަކީލުންގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލައިފި


ޤާނޫނީ ވަކީލުންގެ މަސައްކަތްތައް ފާރަވެރިވެ ބެލުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުޢައްސަސާއެއް އުފެއްދުމަށް ޤާނޫނީ ޚިދުމަތުގެ ނަމުގައި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އަނބުރާ ކޮމެޓީއަށް ފޮނުވާލަން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލީ 38 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލީ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުންނާއިވެސް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.

މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ އެސޯސިއޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓު ކުރުމެވެ. އަދި ޤާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމާއި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ ޢުޞޫލުތައް ކަނޑައެޅުމާއި ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއި އެކު ކުރިއަށްދާކަން ކަށަވަރު ކުރުމަކީވެސް ބާ އެސޯސިއޭޝަންގެ މަޤްޞަދެކެވެ.