ސިޔާސީ

ޖަލުގައި ގާތް މީހަކު ހުރިނަމަ ނަޝީދާއިއެކު އުޅެވޭނެ- މިނިސްޓަރ


ދައުލަތުން ޓެރަރިޒަމްގެ ދަޢުވާކޮށް ތޭރަ އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނަވާއިރު، މާފުށީ ޖަލުގައި އެމަނިކުފާނުގެ އާއިލާގެ ބަޔަކު އުޅޭނަމަ ރައީސް ނަޝީދާއިއެކު އުޅެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މާފުށީ ޖަލުގައި ރައީސް ނަޝީދުގެ އާއިލާ މީހެއް ނުވަތަ ގާތް ރަޙްމަތްތެރިއެއް ހުރިނަމަ އެފަރާތެއް ފާހަގަކުރުމަށް ރައީސް ނަޝީދުގެ އާއިލާއަށް މިހާރު ފުރުސަތު ދީފައިވާކަމަށާއި، އެގޮތުން އެއްފަރާތެއް މިހާރު ފާގަހަކުރެވިފައިވާކަމަށެވެ.އެހެންކަމުން އެފަރާތްތަކަށް ސެކިއުރިޓީގެ ދަރަޖައަށް ބެލުމަށްފަހު ފުރުސަތު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ޖަލުގައި ރައީސް ނަޝީދު ދެކެ ހިތްހަމަ ނުޖެހޭ ފަރާތެއްވެސް އުޅެދާނެކަމަށާ އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރީގެ ރައީސްކަންކޮށްފައިވާ މީހަކަށްދޭންޖެހޭ ފުރިހަމަ އިހްތިރާމާއި، އިއްޒަތާއި ގަދަރު ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، ރައީސް ނަޝީދު ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަކީ މީގެކުރިން ގޮޅިބަރިއެއްކަމަށާއި،އެތަންއަލުންތަޅާލުމަށްފަހު މަސައްކަތް ކުރިއަށްދާކަމުގައެވެ. އެގޮތުން އެތަން ރަނގަޅު ފެންވަރެއްގައި ހަދާ ހަތް ދުވަސް ނުވަތަ ދިހަ ދުވަސްތެރޭގައި ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ދެހާސް ބާރަވަނަ އަހަރު ހައްޔަރުކުރި މައްސަލައިގައި، ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ތޭރަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.