ކޮރަޕްޝަންގެ މައްސަލަތާއި ގޮތް ނޭނގޭ މަރުތައް ތަޙްޤީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރުތަކެއް ލިބިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލަށް މިއަދުވެސް ވޯޓަށް ނޭހި މަޖިލިސް ޖަލްސާ ނިންމާލައިިފިއެވެ.
ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މާޢްދާގެ
(ބ) ގައި ބުނާ ގޮތުން، ރައްޔތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވީ އެ ބިލަށް ވޯޓަށް އެހޭނީ 43 މެންބަރުން ހަމަވެގެން ކަމަށެވެ. އަދި އެވަގުތު މަޖިލިސް ފްލޯރގައި ތިއްބެވީ 42 މެންބަރުން ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ޤާނޫނީ ޢަދަދު ހަމަނުވުމުގެ ސަބަބުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލެއްވީ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9:00ގައި ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނޭހުނުއިރު ޕެންޝަން ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙަށްވެސް ޤާނޫނީ ޢަދަދަށް މެންބަރުން ހަމަ ނުވުމުން ވޯޓަށް ނޭހުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގައި ހުށަހެޅި މި ދެ ބިލުގެ ތެރެއިން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ނިމިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. ނަމަވެސް އެ ދުވަހުވެސް އެ ބިލަށް ވޯޓު ހަމަވާވަރަށް މެންބަރުން ނެތުމުން މަޖިލީހުގެ ޖަލްސާ ނިންމާލިއެވެ.